އޮފީސް މާހައުލުގައި ކުރާ ޖިންސީ ފުރައްސާރައާ ދެކޮޅަށް ރޭ ކުރި މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ބަލަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަމުރުކުރައްވައިފިއެވެ.
ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭ ބޭއްވި މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތް ބެލުމަށްް އަންގާފައިވާނެ ކަމަށާއި ކަމާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ހުންނާނެ ކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ އަމަލުތައް ހިންގި ފުލުހުންގެ މައްސަލަ ހާއްސަ ސަމާލުކަމެއް ދެއްވައިގެން ބަލާނެ ކަމަށް ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުން ބާރުގެ ބޭނުން ކުރަން ގާނޫނު ހުއްދަކުރާ ހާލަތުގައި ވެސް ބާރުގެ ބޭނުންކުރަން ވާނީ ބާރުގެ ބޭނުން ކުރުމަށް ކަނޑައެޅިފައި އޮންނަ މިންގަނޑުގެ ތެރެއިން ކަމަށެވެ. އަދި ރޭ ހިނގާދިޔަ ހާދިސާގައި ބާރުގެ ބޭނުން ކުރުމުގެ މިންގަނޑުތަކާ ހިލާފަށް އެއްވެސް ކަމެއް ހިނގާފައިވޭތޯ ބަލާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
ރޭގެ އިހުތިޖާޖު ހޫނުވެ ފުލުުންނާއި އިހުތިޖާޖުގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންވެސް ވަނީ ހިނގާފައެވެ. އަދި ފުލުހުން ބައެއް މީހުން ހައްޔަރު ކުރުމަށް ބިޑި އެޅުވުމާއި ޕެޕޭ ސްޕްރޭވެސް ބެނުން ކޮށްފައި ވެއެވެ. އަނިޔާވެރިކޮށް އަންހެނަކު ހައްޔަރުކުރަން އަންހެން ފުލުހުންތަކެއް މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯ އެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
ފުލުހުން އެ އަންހެންމީހާ ހައްޔަރުކުރުމުގެ ތެރޭގައި އެ އަންހެންމީހާގެ މޫނަށް ޕެޕާ ސްޕްރޭ ޖަހާ މަންޒަރާއި އެ އަންހެން މީހާ ބިންމައްޗަށް ވެއްޓިފައި އޮންނަ އިރު ފަހަތަށް ބިޑިއަޅުވާ މަންޒަރު ފެނެއެވެ.
މިކަން އެތައް ބަޔަކު ކުށްވެރި ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެއްވުންތައް ކޮންޓްރޯލްކުރަން ހަރަކާތްތެރިވާ ފުލުހުން އަމަލުކުރާ ގޮތާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާ ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ބަލާ، އުސޫލުތަކާ ހިލާފަށް އެއްވެސްކަމެއް ކޮށްފައިވާނަމަ އަޅަންޖެހޭ ފިޔަވަޅުތަށް އަޅާނެކަމަށެވެ. އަދި މިރޭ ފުލުހުން ބާރުގެ ބޭނުން ކޮށްފައި ވާ ގޮތް ބަލާނެ ކަމަށާއި އެއަށްފަހު އިތުރު ތަފްސީލު ހާމަ ކުރާނެ ކަމަށް ބުނެފައި ވެއެވެ.