އަފްޣާނިސްތާނުގެ ލޮގާލް ޕްރޮވިންސްގެ ޕުލޭއާލަމްގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، އެގައުމުގެ ހާރިޖީ ވަޒީރު މުހައްމަދު ހަނީފް އަތުމާރުއަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ޝާހިދުގެ ތައުޒިޔާގެ މެސެޖުގައި ވަނީ ޓެރަރިސްޓް ހަމަލާގެ ހަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށެވެ. އަދި 30 އަށް ވުރެ ގިނަ މީހުން މަރުވެ، 90 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެ އަނިޔާވެރި ހަމަލާ ދިވެހިރާއްޖެ އިން ކުށްވެރި ކުރާ ކަމަށާއި، ގިނަ އަދަދެއްގެ ޔުނިވަރސިޓީ ދަރިވަރުން ހިމެނޭ ގޮތަށް އާންމުންގެ އެތައް ބަޔަކު ރޯދަ ވީއްލަން ތިބި ތަނަކަށް މިފަދަ ހަމަލާއެއް ދިނުން ކުށްވެރި ކުރައްވާކަމަށް މިނިސްޓަރުގެ މެސެޖުގައި ވެއެވެ.

މިނިސްޓަރު ވަނީ މިފަދަ ހުރިހާ ބާވަތެއްގެ ޓެރަރިޒަމް އާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަފްޣާނިސްތާނުގެ ހާރިޖީ ވަޒީރަށް ދެއްވާފައެވެ.

އިސްލާމީ ގިނަ ގައުމުތަކުގައި މި ރަމަޟާން މަހުވެސް ދަނީ ދާހިލީ ހަނގުރާމަތައް ކުރަމުންނެވެ. އަދި ދާދިފަހުން އިސްރާއީލުން ވަނީ ފަލަސްތީނުގެ ޣައްޒާއަށް ޓެރަރިސްޓް ހަމަލާއެއްދީ އެތައް ބަޔަކު ޝަހީދު މަރާލާފައެވެ.