އަވަށްޓެރި އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ވަޒީރުންގެ 1 އަހަރު ދުވަހުގެ މުސާރަ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ދެކޮޅަށް އެ ސްޓޭޓުން ކުރިއަށް ގެންދާ ރިލީފް މަސައްކަތަށް ހަދިޔާ ކުރުމަށް ނިންމަވާފައި ވާ ކަމަށް، ކަރްނާޓަކާ ސްޓޭޓްގެ ރެވެނިއު މިނިސްޓަރު، އާރް އަޝޯކާ ވިދާޅުވެއްޖެއެވެ.

އަޝޯކާ ވިދާޅުވީ، ވަޒީރުންގެ 1 އަހަރު ދުވަހުގެ މުސާރަ، ކޮވިޑް ރިލީފަށް ހަދިޔާ ކުރުމަށް ނިންމަވާފައި ވަނީ އެ ސްޓޭޓްގެ ވަޒީރުންގެ އިއްތިފާގުން ކަމަށެވެ. އަދި އެއީ ވަޒީރުން އަމިއްލަ އިހުތިޔާރުގައި ނިންމެވި ނިންމެވުމަށް ކަމަށްވެސް އަޝޯކާ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން އަންނަ އިންޑިއާގައި ސިއްހީ ހިދުމަތްދޭ ތަންތަން ވަނީ ފުރިފަ / ފޮޓޯ: އަލްޖަޒީރާ

އަޝޯކާ އިތުރަށް ވިދާޅުވީ، އިންޑިއާގައި ގާނޫނު ހަދާ މަޖިލީހުގައި އެ ސްޓޭޓް ތަމްސީލު ކުރައްވާ މެންބަރުންގެ 1 މަސްދުވަހުގެ މުސާރަ، ކޮވިޑް ރިލީފަށް ހަދިޔާ ކުރެއްވުމަށް، ކަރްނާޓަކާ ސްޓޭޓްގެ ޗީފް މިނިސްޓަރު ބީއެސް ޔެދިޔުރައްޕާ އެދިވަޑައިގެންފައި ވާ ކަމަށެވެ.

މި ދަނޑިވަޅަކީ އިންޑިއާގައި ރެކޯޑް އަދަދުތަކުން ކޮވިޑް ކޭސްތަކާ، ކޮވިޑް މަރުގެ ކޭސްތައް ރިޕޯޓް ކުރަމުން އަންނަ ދަނޑިވަޅެކެވެ. މަރުގެ ކޭސްތައް އިތުރުވުމުގެ ސަބަބުން، ގަބުރު އެންދުމާ، ވަޅުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައި ވާއިރު، ކަރްނާޓަކާ ސްޓޭޓުން މިހާރުވެސް ދަނީ މިކަމަށް ހައްލުތަކެއް ހޯދަމުންނެވެ.