ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު މަސައްކަތް ކުރުމާއި ވިޔަފާރި ކުރުމުގެ އާދަކާދައަށް އައި ބޮޑު ބަދަލާއެކު، މަޝްހޫރު އޮންލައިން ވިޔަފާރި ކުންފުނި، އެމެޒޯންއަށް މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ލިބުނު ވިޔަފާރި ފައިދާ 3 ގުނަ މައްޗަށް ޖެހިލައިފިއެވެ.
އެމެޒޯން ކުންފުނިން ވަނީ ކުރިއަށް އޮތް މަސްތަކުގައިވެސް ވިޔަފާރިއަށް ކުރިއެރުންތަކެއް ލިބޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް ބުނެފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކޮންމެ ދިމާލަކަށް ބެލި ކަމުގައި ވީ ނަމަވެސް، އެކަމެއް ވެފައި އޮންނަނީ ޓެކްނޮލޮޖީ ކުންފުނިތަކުގެ ވިޔަފާރި މެކުހަށް ޖެހުމަށް ލިބޭ ފުރުސަތަކަށެވެ.
ނިމިގެން މިދިޔަ ހަފުތާއަށް ބަލާލި ކަމުގައި ވީ ނަމަވެސް، އެއީ ޓެކްނޮލޮޖީ ކުންފުނިތަކަށް ކާމިޔާބު ހަފުތާއެއް ކަމަށް ބުނެވިދާނެއެވެ. އެގޮތުން، އެޕަލް، ފޭސްބުކް، މައިކްރޮސޮފްޓް އަދި ގޫގްލްގެ ބެލެނިވެރި އެލްފަބެޓް ކުންފުނިން ވަނީ، ވިޔަފާރީގައި ބޮޑެތި ފައިދާތަކެއް ލިބުނު ކަމަށް ރިޕޯޓް ކޮށްފައެވެ.
އެމެޒޯން ކުންފުނީގެ ވިޔަފާރިއަށް ބަލާއިރު، އާންމު އުސޫލުން ކުރާ ގްރޯސަރީ ވިޔަފާރީގެ އިތުރުން ސިއްހީ ހިދުމަތްތައްވެސް އޮންލައިން ޕްލެޓްފޯމުން ފޯރުކޮށްދެއެވެ. މީގެ އިތުރުން އެ ކުންފުނިން އާންމުކޮށް ދެމުން އަންނަ އޮންލައިން ވިޔަފާރިއާ، ހޯމް ޑެލިވަރީ ގެ ހިދުމަތާ، މީޑިއާ ސްޓްރީމިންގް އަދި ކްލައުޑް ވެބްގެ ހިދުމަތްތަކަކީ، އެކުންފުންޏަށް ނަފާ ހޯދާދިން ދާއިރާތަކެވެ.
މިދިޔަ އަހަރުގެ ފުރަތަމަ 3 މަސްދުވަހު އެމެޒޯންއަށް އާމްދަނީގެ ގޮތުގައި 75 ބިލިއަން ޑޮލަރު ލިބުނު އިރު، މިއަހަރުގެ އެ މުއްދަތުގައި އެމެޒޯންއަށް ލިބިފައި ވަނީ 108.5 ބިލިއަން ޑޮލަރެވެ. ވިޔަފާރި ފައިދާއަށް 8.1 ބިލިއަން ޑޮލަރު ޖެހުނުއިރު، މިދިޔަ އަހަރުގެ ފުރަތަމަ 3 މަސްދުވަހު، މި އަދަދު އުޅުނީ 2.5 ބިލިއަން ޑޮލަރުގައެވެ.
ކުރިއަށް އޮތް ހޫނު މޫސުމުގެ ދުވަސްވަރަކީ ،އެމެޒޯންގެ ޗީފް އެގްޒެކެޓިވް ކަމުގެ މަގާމުން، މަޝްހޫރު މަހުޖަނު، ޖެފް ބޭޒޯސް ވަކިވާ ދުވަސްވަރެވެ. ބޭޒޯސްއަށް ފަހު އެ މަގާމާ ހަވާލުވާނީ، އޭޑަބްލިއުއެސްގެ ޗީފް، އެންޑީ ޖެސީއެވެ. ބޭޒޯސް ހުންނާނީ ޗެއާމަން ކަމުގެ މަގާމުގައި، މަދު ޒިންމާތަކަކާއެކު ހަވާސާގައި ކަމަށް މައުލޫމާތު ލިބެއެވެ.