މުޖުތަމައު ތެރޭގައި އެންމެ ބޮޑަށް ބަލި ފެތުރިފައިވާ ރައްތަކުގެ ތެރެއިން އެއް ރަށް ކަމަށްވާ އއ މަތިވެރީގެ ރައްޔިތުންގެ ހާލަތު ނައިބްރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ފައިސަލް ވަނީ މިހާރު މަތިވެރި ރައްޔިތުން އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވާފައެވެ. އެގޮތުން ރަށަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއް ވެސް ލިބޭނެ ކަމުގެ ޔަގީންކަން ނައިބުރައީސް ވަނީ ދެއްވާފައެވެ. އަދި ހަމަ އެހެންމެ ރަށުގެ އެންމެހާ ރައްޔިތުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމާއި، ރައްޔިތުން ކެތްތެރިވެ މި ހާލަތުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ނައިބްރައީސް ވަނީ އެދިވަޑައިގެންފައެވެ.

ސިއްހީމަރުކަޒު ހިންގެވުމާ ހަވާލުވެހުންނެވި މުހައްމަދު މާހިދު ވިދާޅުވީ ނައިބުރައީސް ފައިސަލް ނަސީމް ފޯނުން ގުޅުއްވާ ރައްޔިތުންގެ ހާލު ބައްލަވާފައިވާ ކަމަށާއި ދަތިވާ ކަންތައްތަކާ މެދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ދަތިތަކެއް ވާނަމަ އެކަމަށް އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމުގެ ޔަގީންކަންވެސް ނައިބްރައީސް ދެއްވާފައި ވާކަމަށް ވެސް މާހިދު ވިދާޅުވެފައި ވެއެވެ.

ނައިބްރައީސް ވަނީ މިއަދު ގުޅުއްވާ ރައްޔިތުންނާއި ރަށުގެ ހާލަތު ބައްލަވާ ލައްވާފަ. ދެން ދަތިވާ ކަންކަމާމެދު މަޝްވަރާކޮށް އިތުރަށް ކުރިޔަށްދާނެ ގޮތުެގޮތާމެދު ވާހަކަދެކެވިފަ ވަނީ. ދެން އިތުރު ދަތިކަމެއް އުޅޭނަމަ ހުރިހާ ކަމަކަށްވެސް ލަހެއްނުވެ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ވަނީ.
މާހިދު

މަތިވެރިން މިއަދު ވެސް ވަނީ އިތުރު 09 މީހަކު ޕޮޒިޓިވް ވެ ޖުމްލަ އަދަދު 180 އަށް އަރާފައެވެ. މިއަދު އެރަށުން ޕޮޒިޓިވް ވެފައި ވަނީ ހުސް ދިވެހިންނެވެ.

މަތިވެރީ ސިއްހީ މަރުކަޒުން ބުނީ މިހާރު ސާމްޕަލް ނަގަމުން ގެންދަނީ ރޯގާޖެހި އަލާމާތްތައް ފެނިގެން ޑޮކްޓަރަށް ދައްކާ ފަރާތްތައް ކަމަށެވެ. މަތިވެރިން ކޭހެއް ފެނި އެންމެ ފުރަތަމަ މޮނިޓަރިން އަށް ލާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ސިއްހީ މަރުކަޒުގެ ގިނަ މުވައްޒަފުން ތަކެއް ޕޮޒިޓިވް ވުމާ ގުޅިގެން ވެކްސިން ދިނުމުގެ ހިދުމަތްވެސް ވަނީ މެދުކަނޑާލާފައެވެ.