އަވަށްޓެރި އިންޑިއާއަށް މިހާރު ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ތޫފާނުގެ ތެރެއިން ފެންނަމުންދާ މަންޒަރުތަކަކީ ހިތްފަޅައިގެން ދާ ފަދަ މަންޒަރުތަކެކެވެ. މި މަންޒަރުތަކުގެ ތެރެއިންވެސް، ގިނަ ބަޔަކަށް ފުން އަސަރެއް ކުރުވި އެއް މަންޒަރަކީ، ދެ ދަރިއަކު ވެގެން ސައިކަލު މަތީގައި މަންމަގެ ގަބުރު އުފުލާ މަންޒަރެވެ.

ސައިކަލު ދުއްވަމުން ދިޔައީ މަރުވެފައިވާ އަންހެން މީހާގެ ދަރިފުޅާ ދަނބިދަރިފުޅެވެ. ދެ ދަރިންގެ މެދުގައި މަންމަގެ ގަބުރު ބައިންދައިގެން ސައިކަލު ދުއްވަމުން ދަނިކޮށް، ސްރީކަކުލާމް ޑިސްޓްރިކްޓްގެ ފުލުހަކު އެމީހުން ހުއްޓުވާ މަންޒަރު، ވީޑިއޯއިން ފެނެއެވެ.

އުމުރުން 50 އަހަރުތައް ގުނަމުން ދިޔަ އަންހެން މީހާ ބަލިވެގެން ހޮސްޕިޓަލުގެ އެހީ ހޯދިއެވެ. އޮކްސިޖަން ދަށް ކަމަށް ބުނެ، ސީޓީ ސްކޭނެއް ހެދުމަށް އޭނާ ހޮސްޕިޓަލުން ފޮނުވާލިއެވެ. ނަމަވެސް، އެނބުރި ހޮސްޕިޓަލަށް ދެވުނުއިރު އޭނާ ހާލު މާ ބޮޑަށް ދެރަވެ، މި ދުނިޔެއާ ވަކިވީއެވެ.

އެމީހުން އޭރު ދަތުރު ކުރަމުން ދިޔައީ އޮޓޯއެއްގައެވެ. އަންހެން މީހާ މަރުވުމާއެކު، އޮޓޯ ހުސްކުރުމަށް ޑްރައިވަރު މަޖުބޫރުކުރިއެވެ. އެމްބިއުލާންސްއެއް ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވިއެވެ.

15 ކިލޯމީޓަރު ދުރުގައި އޮތް، މަންމަގެ އުފަން އަވަށަށް ގަބުރު އުފުލަން ދަރިންނަށް ޖެހުނީ ސައިކަލު މަތީގައި މަންމަގެ ގަބުރުބައިންދައިގެންނެވެ.