މިސީޒަންގެ ޗެމްޕިއަންސްގެ ލީގުގެ ސެމީ ފައިނަލް ދެވަނަ މެޗުގެ ފުރަތަމަ ލެގުގައި ރޭ ފަރަންސޭސިވިލާތުގެ ޕީއެސްޖީއާއި އިނގިރޭސި ޓީމު މެންޗެސްޓާ ސިޓީ ވާދަކުރި ފޯރިގަދަ މެޗު 1-2 އަކުން ސިޓީ ކާމިޔާބުކޮށް މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.
ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ ވެސް އެޓީމުންނެވެ. އެލަނޑު އެޓީމަށް ޖަހާ ދިނީ ލިބުނު ކޯނަރަކުން ޑިފެންޑަރު މާކިއުނޯސްއެވެ. މެޗުގެ 15 ވަނަ މިނެޓްގައި ޖެހި މިލަނޑުގެ ކުރިން ވެސް ޕީއެސްޖީއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ލިބުނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ސިޓީގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ނުފެނުނު ނަމަވެސް ދެވަނަ ހާފްގައި ކުޅެން ނިކުތީ މުޅިން ތަފާތު ސިޓީއެކެވެ. ދެވަނަ ހާފްގައި މުޅި މެޗު ކޮންޓްރޯލްކޮށްގެން ސިޓީ ކުޅެމުން ދިއުމުގެ ނަތީޖާއަކަށް ވީ ސިޓީއިން ލަނޑެއް ޖަހާ ސްކޯ އެއްވަރުކުރުމެވެ. މިގޮތުން، މެޗުގެ 64 ވަނަ މިނެޓްގައި ކެޕްޓަން ކެވިން ޑެބްރައިނާ ނަގާ ދިން ނުރައްކާތެރި ހުރަސް އެއްވެސް ކުޅުންތެރިއެއްގެ ގައިގައި ނުޖެހި ސީދާ ގޯލުގެ ތެރެއަށް ވަނެވެ.
މެޗުގައި ދެން ވެސް ފެނުނީ ސިޓީގެ ލަނޑެކެވެ. އޭނގެ ހަތް މިނެޓް ފަހުން ސިޓީއަށް ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ސިޓީއަށް މެޗުގެ ލީޑު ނަގާ ދިނީ އެޓީމުގެ އަލްޖީރިއާގެ ފޯވަޑް ރިޔާޒް މަހްރޭޒްއެވެ.
ރޭގެ މުޅި މެޗުގައި ޕީއެސްޖީގެ ހުނަރުވެރި ކުޅުންތެރިން ކަމަށްވާ ބްރެޒިލްގެ ނެއިމާ އަދި ފަރަންސޭސިވިލާތުގެ ކިލިއަން އެމްބާޕޭގެ ފަރާތުން މާމޮޅު ކުޅުމެއް ފެނިފައި ނުވާ ކަން ފާހަގަކޮށްލެވެއެވެ.
ދެޓީމުގެ ދެމެދު ކުޅޭ ސެމީގެ ދެވަނަ ލީގު އޮންނާނީ އަންނަ ހަފާތްގައި ސިޓީގެ އެތިިހާދު ސްޓޭޑިއަމްގައެވެ.