އިންސާނުން ހަނދަށް ކުރި ފުރަތަމަ ދަތުރުގައި ބައިވެރިވި ޖައްވީ 3 ފަޅުވެރިންގެ ތެރޭގައި ހިމެނޭ މައިކަލް ކޮލިންސް މަރުވެއްޖެއެވެ.

1969 ވަނަ އަހަރު އެޕޯލޯ-11 ގައި ހަނދަށް ކުރި ދަތުރުގައި ބައިވެރިވުމުގެ ޝަރަފު ލިބުނު ކޮލިންސް، 90، މަރުވިއިރު އޭނާ ވަނީ ކެންސަރު ބައްޔާ ހަނގުރާމަ ކޮށްފައެވެ.

އިންސާނުން ހަނދަށް ކުރި ފުރަތަމަ ދަތުރުގައި އެޕޯލޯ-11 ގައި ބައިވެރިވި 3 ފަޅުވެރިންގެ ތެރޭގައި ހިމެނޭ މައިކަލް ކޮލިންސް / ފައިލް ފޮޓޯ: ދަ ވާޖް

ނީލް އާމްސްޓްރޯންގްއާއި ބަޒް އެލްޑަރީން ހަނދުގައި ފުރަތަމަ ފަހަރަށް ހިނގާލިއިރު، ކޮލިންސް މަޑުކުރީ ހަނދުގެ އޯބިޓްގައެވެ.

އިންސާނުން ހަނދަށް ކުރި ތާރީހީ ދަތުރުގެ 3 ބައިވެރިންގެ ތެރެއިން ދުނިޔޭގައި މިހާރު ހުރީ، އުމުރުން 91 އަހަރުގެ އެލްޑަރީން އެކަންޏެވެ.

ކޮލިންސް މަރުވި ހަބަރު ލިބުމާއެކު އެލްޑަރީން ވަނީ ސޯޝަލް މީޑިއާއަށް ޕޯސްޓެއް ދޫކޮށްލާފައެވެ. އެގޮތުން ކޮލިންސް މަތިން ވަރަށް ހަނދާން ވާނެ ކަމަށް އެލްޑަރީން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

އިންސާނުން ހަނދަށް ކުރި ފުރަތަމަ ދަތުރުގައި އެޕޯލޯ-11 ގައި ބައިވެރިވި 3 ފަޅުވެރިން. ތެރޭގައި ހިމެނޭ މައިކަލް ކޮލިންސް މެދުގައި / ފައިލް ފޮޓޯ: ފެންޓޮމް މާސާ

ފުރަތަމަ ފަހަރަށް އިންސާނުން ހަނދުގައި ހިނގާލި މިޝަންގެ ގޮތުގައި ސިފަކުރަމުން އަންނަ އެޕޯލޯ-11ގެ މިޝަންގެ ވާހަކަދައްކާއިރު، ކޮލިންސްގެ ނަން އިވެނީ މަދު ފަހަރަކުއެވެ. ނަމަވެސް ކޮލިންސްއަކީ މިޝަން ކާމިޔާބު ކުރުމުގެ މުހިންމު ބައިވެރިއެކެވެ. މިޝަން ކާމިޔާބު ކުރުމުގެ މުހިންމު ފިޔަވަޅުތަކެއް އެޅި މީހަކީ ކޮލިންސްއެވެ.

އެމެރިކާގެ ޖައްވީ އިދާރާ (ނާސާ)ގެ މަސައްކަތްތައް ދޫކޮށްލުމަށްފަހު، ސިޔާސީ މައިދާނުންވެސް ކޮލިންސް ވަނީ ފެނިފައެވެ. ނަމަވެސް އެކަމުންވެސް ރިޓާޔާކޮށް، ހަޔާތުގެ ފަހުބައި އޭނާ ހޭދަކުރީ، ކުރެހުމާ ލިޔުންތެރިކަމުގެ މަސައްކަތުގައެވެ.

އިންސާނުން ހަނދަށް ކުރި ފުރަތަމަ ދަތުރުގައި އެޕޯލޯ-11 ގައި ބައިވެރިވި 3 ފަޅުވެރިންގެ ތެރޭގައި ހިމެނޭ މައިކަލް ކޮލިންސް / ފައިލް ފޮޓޯ: ސްޓާ ޓްރިބިއުން

އެޕޯލޯ 11 މިޝަންގައި އިންސާނަކު އެންމެ ފުރަތަމަ ހަނދަށް ދިޔައީ 1969 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ.