ޓެރަރިޒަމާ ދެކޮޅަށް ބޭނުންކުރާނެ "އެންޓި-ޓެރަރިޒަމް އިކުއިޕްމަންޓް" ޖަޕާނުން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
މިއީ ޖަޕާނު ސަރުކާރުގެ "ޕްރޮޖެކްޓް އޮފް ގްރާންޓް އެއިޑް ފޯ ދަ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ދަށުން، ހަދިޔާ ކުރި ތަކެއްޗެވެ.
މިއަދު ހަވީރު ބޭއްވި އެރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީއެވެ.
އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާރިޔާ ވަނީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، ޖަޕާނު ސަރުކާރުން ހަދިޔާ ކޮށްފައިވާ އާލާތްތަކާއި އެއްގަމު އުޅަނދުތަކުގެ ބޭނުންތެރިކަން ފާހަގަ ކުރައްވާފައެވެ.
އެގޮތުން، ޖަޕާނު ސަރުކާރުން ހަދިޔާކޮށްފައިވާ ހެވީ ޑިއުޓީ ވެހިކަލްތަކާއި، މޯބައިލް އެކްސްރޭ ސްކޭނަރާއި، ލިކުއިޑް ސްކޭނަރާއި، ހޭންޑް-ހެލްޑް މެޓަލް ޑިޓެކްޓާ ފަދަ އާލާތްތަކުގެ ސަބަބުން، ނުރައްކަލުގެ ހާލަތްތައް މެދުވެރިވިޔަ ނުދީ، އެފަދަ ކަންކަމަށް ދުރާލައި ތައްޔާރުވެ، ސްކްރީނިން، ޕްރިވެންޝަން އަދި ރެސްޕޮންސްގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކާ، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް) އިން ކުރަމުންދާ މަސައްކަތަށް، އިތުރު ބާރެއް ލިބިގެންދާނެކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ އިތުރަށް ވިދާޅުވީ، ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ އަމާޒަކީ ޒަމާނުއްސުރެ ސުލްހަޔާއި އަމާންކަމުން ޒީނަތްތެރިވެފައިވާ ދިވެހިރާއްޖޭގެ އިޖްތިމާއީ ފޭރާން އިރާ ކުދިކުދިކޮށްލުން ކަމަށެވެ. އެނުރައްކަލާ ކުރިމަތިލާން ބޭނުންވާ އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި އާލާތްތަކެއް ޖަޕާނުން ހަދިޔާކުރި ކުރުމުން ދޭހަވަނީ، އެގައުމުގެ ސަރުކާރާއި ރައްޔިތުން، އަބަދުވެސް ދިވެހިންނާމެދު ބަހައްޓާ ހިތްހެޔޮކަމާއި އޯގާތެރިކަމުގެ ރީތި މިސާލަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް މާރިޔާ ވިދާޅުވިއެވެ.
އެރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުން، ޖެނެރަލް އޮފިސަރުންނާއި، ޑެޕިއުޓީ މިނިސްޓާ އޮފް ޑިފެންސް ހަސަން ޒަމީލާއި، އެވްސެކޮމްގެ އިސްވެރިންވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ޓެރެރިޒަމް ނައްތާލަން އިގޭ ތި ވެހިކަލް ބޭނުންކުރާނީ. ޕާޓީ މީހުން އާއި އަންހެން ކުދިން ގޮވައިގެން ބުރެއް ނޫން ޖަހާނީ. މީގެ ކުރިންވެސް ބުރު ޖަހައިގެން ދެމަފިރިން ވަރިވި.