ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 899،031 ރުފިޔާ ލިބިފައިވާ ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ވޭތުވެދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ މިހާތަނަށް ފިތުރު ޒަކާތް ދެއްކި މީހުންގެ އަދަދު އަދި ފެންނަނީ ދަށް ކޮށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މިއަހަރުގެ އިސްލާމިކް މިނިސްޓްރީގެ ތަފާސް ހިސާބުތަކާ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކާ އަޅާ ބަލާއިރު މިދިޔަ އަހަރު ރޯދަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ވަނީ 1،942،201 ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މި ރޯދަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 20،863 މީހުން ފިތުރު ޒަކާތް ދައްކާފައިވާ ކަމަށެވެ. އެ ގޮތުން ޖުމްލަ 899،031 ރުފިޔާ ލިވބިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. 20،863 މީހުންގެ ތެރެއިން 17،858 މީހުން ފިތުރު ޒަކާތް ދައްކާފައި ވަނީ އޮންލައިންކޮށް ކަމަށާއި އަދި 5003 މީުން ޒަކާތް ދައްކާފައި ވަނީ މިނިސްޓްރީގައި ކައުންޓަރަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި އަހަރު ފިތުރު ޒަކާތް ދެއްކި މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ޒަކާތް ދައްކާފައި ވަނީ އާދައިގެ ހަނޑުންނެވެ. އެގޮތުން އާދައިގެ ހަނޑުލުން 11،551 މީހުން ޒަކާތް ދައްކައި ޖުމްލަ 138،612 ރުފިޔާ ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެއަށްފަހުން ދެން އެންމެ ގިނަ މީހުން ޒަކާތް ދައްކާފައި ވަނީ ބާސްމަތީ ހަނޑޫގެ އެންމެ މޮޅު ހަނޑުލަށެވެ. އެ ބަޔަށް 2725 މީހުން ޒަކާތް ދައްކާފައިވާ އިރު ޖުމްލަ 340،625 ރުފިޔާ ލިބިފައިވާ ކަމަށް ތަފށް ހިސާބުތަކުން ދައްކައެވެ.

މާލޭގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ފިތުރު ޒަޔާތް ދައްކަން ޖެހޭނީ ދިރާގު ޕޭ ވެބްސައިޓު، ނައު.އެމްވީ އެޕްލިކޭޝަން ، އުރީދޫ އެމް ފައިސާ އެޕްލިކޭޝަން، އަދި އެސްއެމްއެސް މެދުވެރިކޮށެވެ. މާލޭ ސަރަހައްދުގައި މި އަހަރު އޮންލައިންކޮށް ޒަކާތް ބަލައިގަތުމަށް ނިންމާފައި ވާއިރު މިދިޔަ އަހަރުވެސް ފިތުރު ޒަކާތް ބަލައިގެންފައި ވަނީ އޮންލައިންކޮށެވެ.

މި އަހަރު ފިތުރު ޒަކާތް ބަލައިގަންނަމުން ދާއިރު، ޒކާތް ބަލައިގަންނަ އެންމެ ފަހު ދުވަހަކީ އަންނަ މަހުގެ 11 ވަނަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.