މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގެ ފުރަތަމަ ލެގުގައި ރޭ ރިއާލް މެޑްރިޑާއި ޗެލްސީ ވާދަކުރި މެޗު 1-1 އެއްވަރު ވެއްޖެއެވެ.
ރިއާލްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖެހީ ޗެލްސީންނެވެ. މެޗުގެ 14 ވަނަ މިނެޓްގައި އެޓީމަށް މިލަނޑު ކާމިޔާބުކޮށް ދިނީ ޗެލްސީއަށް ކުޅޭ އެމެރިކާގެ ފޯވަޑް ކްރިސްޓިއަން ޕުލިސިކްއެވެ.
މުޅި މެޗުގައި ވެސް ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު އިތުރު ލަނޑު ޖަހާ އަވޭ ގޯލުގެ އެޑްވާންޓޭޖް ފުޅާ ކުރާނެ ޗާންސްތައް ވެސް ޗެލްސީއަށް ލިބުނެވެ.
ނަމަވެސް މެޗުގެ 29 ވަނަ މިނެޓްގައި ރިއާލް މެޑްރިޑްގެ ތަޖުރިބާކާރު ފޯވަޑް ކަރީމް ބެންޒިމާ ޖެހި ހިތް ގައިމު ލަނޑާ އެކު އެޓީމުން ނަތީޖާ އެއްވަރުކުރިއެވެ.
ދެވަނަ ހާފްގައި ދެޓީމަށް ވެސް މާ ގިނަ ފުރުސަތުތަކެއް އުފެއްދިފައި ނުވާ އިރު މެޗު ނިމެން ދަނިކޮށް ނަތީޖާ ބަދަލުކޮށްލާނެ ފުރުސަތެއް ރިއާލްގެ ޑިފެންޑަރު ރަފެއަލް ވަރާން އަށް ލިބުނެވެ. އޭނާ ގޯލަށް އަމާޒުކޮށް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
މި ދެ ޓީމުގެ ދެމެދު ކުޅޭ ސެމީގެ ދެވަނަ ލެޗް އޮންނާނީ އަންނަ ހަފްތާގައި ޗެލްސީގެ ދަނޑުގައެވެ. 0-0 ގެ ސްކޯއަކުން ވެސް އެމެޗުން ޗެލްސީއަށް ފައިނަލަށް ދެވޭނެ އިރު ކޯޗު ތޯމަސް ޓުކަލް ބުނީ ޗެލްސީން އެންމެ ތަންކޮޅެއް ވެސް ދޫނުކުރާނެ ކަމަށެވެ.
އަދި ރިއާލް މެޑްރިޑް ފަދަ ޗެމްޕިއަންސް ލީގުގެ ތަޖުރިބާ އޮތް ޓީމަކާ ދެކޮޅަށް ވަރުގަދަ ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.