އެމެރިކާގެ މަޝްހޫރު ރެޕާ ކާންޏޭ ވެސްޓް ފުރަތަމަ ފަހަރަށް ބޭނުން ކުރި ނައިކީ އެއާ ޔީޒީ ސްނީކާޒްއެއް ނީލަމުގައި ރެކޯޑް އަގަކަށް ވިއްކާލައިފިއެވެ.

ނީލަމުގެ ވިޔަފާރީގައި ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ސޯތީބީޒްއިން ބުނީ، ކަންޏޭގެ މި ސްނީކާޒް ވިސްކާލާފައި ވަނީ 1.8 މިލިއަން ޑޮލަރަށް ކަމަށެވެ. މިއީ މީގެ ކުރިން އެންމެ ބޮޑު އަގެއްގައި ނީލަން ކިއުނު ސްނީކާޒްއާ އަޅާ ބަލާއިރު، 3 ގުނަ ބޮޑު އަގެކެވެ.

މިހާތަނަށް އެންމެ ބޮޑު އަގެއްގައި ސްނީކާޒްއެއް ނީލަން ކިޔާފައި ވަނީ ކްރިސްޓީޒްއިންނެވެ. އެއީ އޯގަސްޓް 2020ގައި، ވިއްކާލި ނައިކީ އެއާ ޖޯޑަން 1އެކެވެ. އެ ސްނީކާޒް ވިއްކާލީ 615000 ޑޮލަރަށެވެ.

ކާންޏޭގެ ސްނީކާޒް 1.8 މިލިއަން ޑޮލަރަށް ނީލަން ކިޔާފައި ވާއިރު، މިއީ 1 މިލިއަން ޑޮލަރަށް ވުރެ މަތިން، މިފަދަ ބޫޓެއް، ނީލަމެއްގައި ވިއްކާލި ފުރަތަމަ ފަހަރުކަންވެސް ސޯތީބީޒްއިން ފާހަގަ ކުރެއެވެ.

ކާންޏޭގެ ސްނީކާޒް ގަތް ފަރާތުން މި ބޫޓު ބޭނުން ކުރާ ހިއްސާގެ އުސޫލުން އަގު އުފުލުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

ކާންޏޭއާއި ނައިކީ ގުޅިގެން އުފެއްދި އެއާ ޔީޒީ 1ގެ އާންމު އަގުތައް އުޅެނީ ގާތްގަނޑަކަށް 2000 ޑޮލަރާއި 4000 ޑޮލަރާ ދެމެދު އަގުތަކެއްގައެވެ. އެޑިޑަސްއާ ގުޅި، އޭނާގެ އަމިއްލަ ލައިނެއް އުފެއްދުމުގެ ކުރިން، ކާންޏޭ މަސައްކަތް ކުރީ ނައިކީއާއެކުގައެވެ.