އެމްޑީޕީގެ ދާއިރާ އިންތިހާބު 2021 ގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރޭގައި ރޭޕް ފަދަ ޖިނާއީ ކުށްތައް ކޮށްފައިވާ މީހުންނަށް ވާދަ ނުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

މިގޮތަށް އެ ޕާޓީން ނިންމާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ގައުމީ ހިންގާ ކޮމިޓީގެ މި އަހަރުގެ އެއްވަނަ ބައްދަލުވުމު ގައެވެ. އެގޮތުން އަނަން ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އެކިއެކި މަގާމްތަކަށް ކުރިމަތިލާ މެންބަރުންނަކީ ބައެއް ކަންކަމުން ބަރީއަވެގެންވާ ބައެއް ކަމުގައި ވުމަކީ އަސާސީ އެ ޕާޓީގެ ގަވާއިދުގައިވާ އުސޫލުތައް ދެމެހެއްޓުމަށް ބޭނުންތެރި ކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ.

އެހެންކަމުން އެ ކެންޑިޑޭޓުންނަކީ ބައެއް ކުށްތައް ކޮށްފައިވާ މީހެއްކަމުގައި ވެގެން ނުވާނެ ކަމަށް ވަނީ އެކޮމިޓީން ނިންމާފައެވެ.

އެގޮތުން ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރެއިން މީހަކު މެރުމުގެ ކުށާއި، ރޭޕްކުރުމުގެ ކުށާއި ކުޑަކުދިންނާ މެދު ޖިންސީ ގޯނާ ކުރުމުގެ ކުށާއި ޖިންސީ ފުރައްސާރައިގެ ކުށުގެ މައްސަލަތަކުގެ ތެރެއިން ތަހުގީގް ނިމި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހެޅިފައިވާ ފަރާތްތައް ހިމެނެއެވެ. ހަމައެއާއެކު “ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ” އާއި “ޕްރެޒިޑެންޝަލް ކޮމިޝަން އޮން ޑެތްސް އެންޑް ޑިސްއެޕިއަރަންސް” ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރިކަމަށް ނުވަތަ ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތައް ވެސް ހިމެނެއެވެ.

އަދި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައި ދިނުމަށް އެދި އެކިއެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ ފަރާތްތައް ހިމެނެއެވެ.

މީގެ އިތުރުން އެކިއެކި މަގާމުތަކަށް ވާދަ ކުރެވޭނީ، ދާއިރާތަކުގެ މަގާތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލި ދުވަހާ ހަމައަށް މަދުވެގެން އެއް އަހަރު ދުވަހުގެ މުއްދަތަށް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ތިބި މެންބަރުންނަށް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.