ބަދަލުގެ ގޮތުގައި މަންދު ކޮލެޖަށް 50 މިލިއަން ރުފިޔާ ދޭން އުޅޭކަމަށް އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާ މެންބަރު އަލީ އާޒިމް ތުހުމަތު ކުރައްވާފިއެވެ.
މަންދު ކޮލެޖް ހިންގުމަށް ވެފައިވާ އެއްބަސްވުން، ކުރީ ސަރުކާރުން ބާތިލު ކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި ދޭން ޖެހޭނީ 1،581،475 ރުފިޔާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރުކޮށްފައިވާ އެސެސްމަންޓް ރިޕޯޓަކުން ދައްކައެވެ.
އެކަމާ ގުޅިގެން އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދިވެސް ކުރިއަށް ބައިވަރު ބަދަލު މަންދު ކޮލެޖުން ހުށަހަޅާފައި ވާ ކަމަށާއި ހުރިހާ ބަދަލެއް އެއްކޮށްލުމުން 50 މިލިއަން އަރާ ކަމަށް ބުނާ ކަމަށެވެ.
އާޒިމްގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު އަދި އދ ގެ ސްޕެޝަލް ރެޕަޓުއާ ޑރ. އަހްމަދު ޝަހީދު ވަނީ "ނަން ވާނީ އަދުރޭގެ ހިސާބު ޖެހުމަށް ކަމަށް" ވިދާޅުވެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ޓެގް ކުރައްވާ ޖޯކު ޖައްސަވާފައެވެ.
އިންތި ވަނީ އިއްޔެ ކުރި ޓްވީޓެއްގައި ސަރުކާރުގެ ބިމަކުން ބަޔަކު ނެރެލުމުން އެ މީހުންނަށް ބަދަލުގެ ގޮތުގައި ލިބުނީ ބިމެއް ގަނެވެލޭވަރުގެ އަގެއް ކަމަށް ވިދާޅުވެފައެވެ. އެހެންވީމާ އެކަން ވަރަށް "ސަޅި" ކަމަށް ވިދާޅުވެ އިމްތި ވަނީ ފާޑު ވިދާޅުވެފައެވެ.
މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް 1.5 މިލިއަން ދޭން އޮތް ތަނަކަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ދައުލަތުން އެއްބަސްވީ އެމްއީއެސް ކުރިން ހިންގި އިމާރާތް އެ ކުންފުންޏަށް ދޫކުރުމަށް ފަހު 2015 ގައި ސަރުކާރުން އެތަނުގެ އެއްބަސްވުން އުވާލައި، އަތުލި މައްސަލައި ގައެވެ.
އޮޑިޓް އޮފީހުން މަންދު ކޮލެޖާ ގުޅިގެން ހަދާފައިވާ އެސެސްމަންޓަކުން ދައްކާގޮތުގައި ދެ ބަދަލެއް ދިނުމަށް ލަފާ ދީފައި ވެއެވެ.
އެގޮތުން ފުރަތަމަ ބަދަލަކީ 1.27 މިލިއަން ރުފިޔާގެ ބަދަލެކެވެ. އަދި ދެވަނަ ބަދަލަކީ 1.58 މިލިއަން ރުފިޔާގެ ބަދަލެކެވެ.
އޮޑިޓް އޮފީހުން ތައްޔާރު ކުރި އެ އެސެސްމަންޓަކީ މިދިޔަ އޮގަސްޓު މަހު އެޑިއުކޭޝަން މިނިސްޓްރީންގެ އެދުމަކަށް ތައްޔާރު ކުރި އެސެސްމަންޓެކެވެ. އެގޮތުން އެއްބަސްވުން ބާތިލު ކުރުމުން މަންދު ކޮލަޖަށް ދޭން ޖެހޭ ބަދަލު ކަނޑައެޅުމަށް އެސެސްމަންޓެއް ހެދުމަށް މިނިސްޓްރީން އޮތީ އޮޑިޓް އޮފީހުގައި އެދިފައެވެ.