ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް އަރުވާފައިވާ އިބްރާހީމް ރަޝީދުގެ ވަކިވެވަޑައިގަތުމަކީ، ދިވެހިރާއްޖޭގެ ޤައުމީ އަދި ސިޔާސީ ހަޔާތަށް ލިބުނު ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއްކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް އަރުވާފައިވާ އަލްމަރުހޫމް އިބްރާހީމް ރަޝީދުގެ ހަނދާނުގައި މިނިސްޓްރީ އޮފް ހެލްތްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ސޮއިކުރައްވާ ލިޔުއްވި ބަޔާނުގައެވެ.

އެ ބަޔާނުގައި، އަލްމަރުހޫމް އިބްރާހީމް ރަޝީދަކީ ރައީސާ ވަރަށް ގާތް ގުޅުމެއް ބޭއްވި ވަރަށް އެކުވެރި ބޭފުޅެއްކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަކިވެ ވަޑައިގެންނެވިއިރު ގައުމީ ހިދުމަތުގެ ތާރީހުން، މިހާރުގެ ޖީލުތަކަށް ދޫކުރެއްވި އެންމެ ރީތި ނަމޫނާއަކީ، އިހްލާސްތެރިކަމާއި، ތެދުވެރިކަމާއެކު ގައުމަށް ހިދުމަތްކުރެއްވުމުގެ މަތިވެރި ސިފަކަމުގައިވެސް ރައީސް ވިދާޅުވެފައި ވެއެވެ.

އިބްރާހީމް ރަޝީދަކީ، ހުރަވީދަރިކޮޅުގެ ޝާހީ ރަސްކަމުގެ އާއިލާއާއި ވެރިކަމުގެ އާއިލާއިން ވަޑައިގެންނެވި ބޭފުޅެކެވެ. އިބްރާހީމް ރަޝީދު، ސަރުކާރުގެ ހިދްމަތް ފަށްޓަވާފައިވަނީ، 24 ނޮވެމްބަރ 1942 ގައެވެ.

65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވެއެވެ. ދިވެހި ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އިބްރާހީމް ރަޝީދަށް ވަނީ ލިބިވަޑައިގެންފައެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، އެމަނިކުފާނަށް އަރުވާފައިވަނީ 26 ޖުލައި 2011 ގައެވެ. އިބްރާހީމް ރަޝީދު އަވަހާރަވެފައިވަނީ 31 ޖެނުވަރީ 2021 ގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ.