އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބެލުމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ރިޔާސަތުގައި އިންދާ އެމްއެމްޕީއާރްސީގެ އެއްވެސް މައްސަލައެއް ނުފޮރުވޭނެ ކަމަށެވެ. އެގޮތުން އެމްއެމްޕީއާރްސީގެ މައްސަލައިގައި ކިތަންމެ ބޮޑު މެންބަރެއް، ބޮޑު ވަޒީރެއް ނޫނީ ބޮޑު އަމީރަކަށް އިން ނަމަވެސް އެމައްސަލަ ބަލާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި މަޖިލިސް އެކަމަށް އެހީތެރިވެދޭނެ ކަމީ ވެސް ހިތުގައި ޝައްކު ހިނގާކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، 70 މިލިއަން ޑޮލަރު ނާޖާއިޒު ގޮތުގައި މަޖިލީހުގެ މެންބަރުންނަށާއި ވަޒީރުންގެ މެންބަރުންނަށާއި އަދި އެހެން ވެސް މުައައްސަސާތަކުގެ އިދާރާތަކުގައި ތިބި އެތައް ބަޔަކަށް ބަހާލެވުނު ގޮތް ވަރަށް ތަފްސީލުކޮށް، ހެއްކާ ގަރީނާ އެކުގައި ސަރުކާރުގެ ކަމާބެހޭ ކޮމިޝަނަށް ހުށަހަޅާފަ ކަމަށެވެ.

270 މީހުންނަށް ދައުވާ ކުރުމަށް މިހާރު ވެސް ވަނީ ފާހަގަވެފައި. އެދައުވާތައް ކުރިއަށް ގެންދާނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން. އިއްޒަތްތެރި ބައެއް މެންބަރުންގެ ގޮނޑިފުޅު ވެސް ގެއްލިދާނެ. ބައެއް ބޭފުޅުންގެ މަގާމު ވެސް ގެއްލިދާނެ. އަދި އަނެއްބައި ބޭފުޅުންނަށް އިތުރު އެހެން ގޮތްގޮތް ވެސް ވެދާނެ. އެހެންނަމަވެސް މިސަރުކާރު އުފެދިފައި މިއޮތީ އަދި މިމަޖިލިސް ވެސް އުފެދިފައި މިއޮތީ މިމަސައްކަތް އަޅުގަނޑުމެން ކުރުމަ
ރައީސް މުހައްމަދު ނަޝީދު

18 އަދި 19 ވަނަ ރައްޔިރުންމެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ސިފައިންނާއި ބައެއް ފުލުހުންގެ އިތުރުން ސިޔާސީ އެކިއެކި ފަރާތްތަކާއި، ބައެއް އާންމުން ހިމެނޭނެ ހެން ޖުމްލަ 335 ފަރާތަކަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ނަފާ ލިބިފައި ވާކަމަށް ތަހުގީގު ރިޕޯޓުތަކުގައި ބުނެފައި ހުއްޓެވެ. ނަމަވެސް އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ ސީދާގޮތުން ނަފާލިބުނު މީހުންގެ އަދަދު 267 އަށް އަރާ ކަމަށެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރަކާއި މިހާރުގެ މަޖިލީހުގެ 16 މެމްބަރަކާއި މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރަކާއި ކުރީގެ ސަރުކާރުތަކުގެ އިސް މަގާމުތަކުގައި އުޅުއްވި 30 ބޭފުޅަކާއި މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅަކާއި ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ ގޮތުން ފަސް ބޭފުޅަކާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ 7 އޮފިސަރަކު ހިމެނޭ ކަމަށެވެ.