ކ. މާފުށިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 148 އަށް އަރައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މާފުށި ހެލްތް ސެންޓަރުގެ މެނޭޖަރު ސަލްމާން ރަޝީދު ވިދާޅުވީ އިއްޔެ އެރަށުން 61 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި މިއާއެކު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 148 އަށް އަރާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ކޮވިޑް ޖެހިފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.

މާފުށި މޮނީޓަރިން ހާލަތަށް ހާފައިވަނީ މިމަހު 20 ވަނަ ދުވަހުއެވެ.

އެ ރަށް މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ވަނީ އެ ރަށު ފްލޫކްލިނިކަށް ބަލީގެ އަލާމަތް ހުރުމުން ޑޮކްތަރަށް ދެއްކި މީހަކު ބައްޔަށް ޕޮޒިޓިވްވުމާ އެކުއެވެ.

ފާއިތުވި މަސް ތެރޭގައި ރަށްރަށުން ފެންނަ ކޮވިޑް ކޭސްތައް ބޮޑުތަނުން އިތުރު ވެފައި ވާ ކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ވެސް ދަނީ ޕޮޒިޓިވް ވަމުންނެވެ. އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.