ރާއްޖޭގެ ގިނަ ރަށްތަކަކުން ކޮވިޑްގެ ކޭސްތައް ފެންނަމުން އަންނަނީ އިންޑިއާ ރައްޔިތުންގެ ކަރަންޓީން މަރުކަޒަކަށް ރާއްޖެ ހެދުމުން ކަމަށް ޕީއެންސިގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ އެހެން ވިދާޅުވީ އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އަދުރޭ ވިދާޅުވީ އިންޑީއާގެ ރައްޔިތުން އެހެން ގައުމުތަކަށް މަސައްކަތް ކުރުމަށް ދިޔުމަށް ކަރަންޓީން މަރުކަޒަކަށް ރާއްޖެ ހަދާފައިވާ ކަމަށާއި، އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އޭގެ އިތުރުން ދިވެހި ރައްޔިތުން ނުރައްކަލެއްގެ ތެރެއަށް އެ ވައްޓާލަނީ އެހެން ބައެއްގެ ލާބައާއި މަންފާއަަށްޓަކައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

އެކަމަކީ ނުރައްކާތެރި ކަމެއް ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަން ކުރަނީ ކޮން ގައުމެއްގެ ރައްޔިތުންނަށްތޯ ސުވާލު އުފެދޭ ވެސް ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށީ ވެސް ސަރުކާރުގެ ނާގާބިލް ކަމުން ކަމަށެވެ. އަދި އިދިކޮޅުން ކޯލިޝަނުން ބަލި ފެތުރުމުގެ ކުރިން ފިޔަވަޅު އެޅުމަށް ގޮވާލި ނަމަވެސް އެކަންކަމަށް ސަރުކާރުން އިޖާބަދީފައި ނުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.