ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ނުރައްކަލާ އަނެއްކާވެސް ކުރިމަތިލާން ޖެހިފައިވާ އިރާގުގެ ވެރިރަށް ބަޣުދާދުގެ ހޮސްޕިޓަލެއްގެ އިންޓެންސިވް ކެއާ ޔުނިޓްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، 27 މީހުން މަރުވެ، 46 މީހަކު ޒަހަމްވެއްޖެއެވެ.

އިރާގުގެ ސިއްސީ މަސްދަރުތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، އިބްނު ހަތީބު ހޮސްޕިޓަލުގައި އޮކްސިޖަން ޓޭންކެއް ގޮވައިގެންނެވެ.

އިރާގުގެ މަދަނީ ދިފާއީ އޮފިޝަލުން ވިދާޅުވީ، އަލިފާންގަނޑު ފެތުރިގެން ދިޔައީ ހަލުވިކަމާއެކުގައި ކަމަށާ، އެ ހޮސްޕިޓަލަކީ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވާނެ ނިޒާމެއް ނެތް ހޮސްޕިޓަލެއް ކަމަށެވެ. އަދި "ފޭކު" ސީލިންގްއެއް އަޅާފައި އޮތުމުގެ ސަބަބުން، ފަސޭހައިން އަލިފާން ހިފާ ސާމާނާ ހިސާބަށް ހުޅުގަނޑު ފެތުރުނީ ކަމަށްވެސް އޮފިޝަލުން ވިދާޅުވިއެވެ.

މަދަނީ ދިފާއީ ޔުނިޓުން ބުނާ ގޮތުގައި، ގިނަ އަދަދެއްގެ ބަޔަކު މަރުވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން އެހެން ސަރަހައްދުތަކަށް އެމީހުން އުފުލުމަށްޓަކާ ވެންޓިލޭޓަރުން ނެގުމުގެ ސަބަބުންނެވެ. އަދި އަނެއް ބަޔަކު މަރުވީ، ދުންގަނޑުގެ ތެރޭގައި ނޭވާ ހާސް ވެގެން ކަމަށެވެ.

އިރާގުގެ މަދަނީ ދިފާއާ ބެހޭ ޔުނިޓްގެ އިސްވެރިޔާ، މޭޖާ ޖެނެރަލް ކަދީމް ބޯހާންމް ވިދާޅުވީ، ހޮސްޕިޓަލުގައި ތިބި 120 ޕޭޝަންޓުންނާ އެމީހުންގެ އެހީތެރިންގެ ތެރެއިން 90 މީހަކު ސަލާމަތް ކޮށްފައި ވާ ކަމަށެވެ. އަދި އަލިފާންގަނޑު މިހާރު ނިއްވާލަފައި ވާ ކަމަށްވެސް އޭނާ ވިދާލުވިއެވެ.

ބެލެވޭ ގޮތުގައި މިހާދިސާއާ ގުޅިގެން މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވެއެވެ. އެހެނީ، ބައެއް މީހުން ސީރިއަސް ދަރަޖައަކަށް ފިހިފައިވުން ކަމަށް މައުލޫމާތު ލިބެއެވެ.

އިރާގުގެ ހޮސްޕިޓަލުތައް ފަރުމާ ކޮށްފައި ހުންނަ ގޮތުން، މަރުކަޒީ ނިޒާމެއްގެ ތެރެއިން އޮކްސިޖަން ސަޕްލައި ކުރެވޭކަށް އާންމުކޮށް ނުހުރެއެވެ. އޮކްސިޖަން ބޭނުންވާ ޕޭޝަންޓުންނަށް އެ ސަޕްލައި ކުރަނީ، އެނދު ކައިރީގައި ސިލިންޑަރު ބަހައްޓައިގެންނެވެ. މުވައްޒަފުންގެ ދަތިކަމާ ކުރިމަތިލާން ޖެހިފައި ވާއިރު، ސިލިންޑަރު ބަދަލު ކުރުމުގެ މަސައްކަތަކީ، ބައެއް ފަހަރު، އާއިލާގެ އެހީތެރިންނަށް ކުރަން ޖެހޭ ކަމަކަށް އޮންނަނީ ވެފައެވެ.

އިރާގުގެ ސަރުކާރުން ހިންގަމުން އަންނަ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން ބުނީ، މިއީ ކޮވިޑް-19ގެ ޕޭޝަންޓުންނާ ދެކޮޅަށް ހިންގި ޖަރީމާއެއް ކަމަށެވެ. އަދި ސިއްހަތާ ބެހޭ ވަޒީރުކަމުގެ މަގާމުގައި ހުންނެވި ހަސަން އަލް-ތަމީމު މަގާމުން ވަކިކުރައްވާ، އިންސާނުގެ ކުރިމައްޗަށް އޭނާ ހާޒިރު ކުރެއްވުމަށްވެސް އެ ކޮމިޝަނުން ވަނީ އިރާގުގެ ބޮޑުވަޒީރު މުސްތޮފާ އަލް-ހާދިމީއަށް ގޮވާލައްވާފައެވެ.

ބޮޑުވަޒީރު ހާދިމީ ވަނީ، ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގާ، ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ގޮވާލައްވާފައެވެ. އަދި މި ހާދިސާއާ ގުޅިގެން 3 ދުވަހަށް ގައުމީ ހިތާމަފާޅު ކުރުމަށްވެސް ބޮޑުވަޒީރު ވަނީ ކަނޑައަޅުއްވާފައެވެ.