އެއީ އަހަރެން ކޮލެޖުގައި އުޅުނު ދުވަސް ވަރެވެ. ކިޔަވަމުން ދިޔައީ ޑިގްރީއަށެވެ. އަހަންނާ އެއް ކުލާހުގައި އަންހެން އަދި ފިރިހެން ކުދިންވެސް އުޅެއެވެ. ނަމަވެސް މަކިލާ އަކީ އަހަރެންގެ ކްލާހުގެ ކުއްޖެއް ނޫނެވެ.

އާދައިގެ މަތިން އަހަރެން ކޮލެޖަށް ދިޔަ ދުވަހެކެވެ. ނަމަވެސް ކޮންމެވެސް ކަމެއް ދިމާވެގެން ރިސެޕްޝަން އަށް ދާން ގުޅާފައި ބުނެގެން ކްލާހުގައި އިނދެފައި އަހަރެން ތިރިއަށް ފޭބީމެވެ. އަތުގައި އޮތް ފޯނާ ކުޅެމުން ގޮސް ރިސެޕްޝަނާ އަރާ ހަމަވެވުނު އިރުވެސް އަހަރެން ހުރީ ފޯނަށް ބަލާށެވެ. ރިސެޕްޝަން ކައިރިއަށް ހުއްޓި އިސް އިފުލާލައި މިއައީ ގުޅައިގެން ކަމަށް ބުނީމެއެވެ. އޭރު ރިސެޕްޝަންގައި އިން ކުއްޖާ އިނީ އިސްދަށަށް ޖަހައިގެން ކޮންމެވެސް އެއްޗެއް ލިޔާށެވެ.

އަހަރެން އެހެން ބުނުމާއެކު އޭނާ އިސް އުފުލާލިއެވެ. ލޮލާ ލޯ ދިމާވީ އެވަގުތުއެވެ. ސާފު މަޑު މުށި ކުލައިގެ ރީތި ދެލޮލެވެ. ހަމަ އެހާމެ ފާޅުކަން ބޮޑުކޮށް ހުޅުވިފައި ހުރި ދެލޮލެވެ. ލޮލުގެ ގޮބޮޅިގަނޑުގެ ހުދު ކަމުން މަޑު މުށި ކުލައިގެ އެ ކަޅި ވަރަށް ސާފުކޮށް ފެނެއެވެ. އެ ކަޅީގައި އަހަރެންގެ ހިޔަނި ފެންނަން ހުރިފަދައެވެ. އެހާވެސް ސާފެވެ.

"ނަބީލް ދޯ...ދީބަލަ ސްޓޫޑަންޓް ކާޑު..." އޭނާ ބުންޏެވެ.

އަހަންނަކަށް އެ އަޑެއް ނީވެއެވެ. ބެލެނީ އެ މޫނަށެވެ. ހިމަ ދިގު ނޭފަތެކެވެ. ދޮން ދޮން އޮމާން ދެ ކޮލެވެ. ރީތި ތުންފަތެއްވެސް މެއެވެ.

"ހަލޯ..." އޭނާ ހަލޯ އޭ ކިޔާ ތެދުވިއެވެ. އަހަރެން ގެއްލިފައި ހުރީ އޭނާއަށް ބަލަން ކަން އެނގުމުން ކަމަށް ވެދާނެއެވެ. އޭނާ ތެދުވުމާއެކު އަހަރެން ބުނީމެވެ. ގުޅާފަ ބުނީމައި އައިސް ހުރި ކަމަށް ބުނީމެވެ. ޖާވާބުގައި އޭނާ އާނއެކޭ، ނަބީލް ހޭ އަނެއްކާވެސް އެހިއެވެ.

އަހަރެން ސްޓޫޑަންޓް ކާޑު ދިނީމައި، އޭނާ ދިއްކޮށްލީ ކޮލެޖުގެ ވައިފައި ޕާސްވޯޑް ލިޔެފައި އޮތް ގަނޑު ކޮޅެކެވެ.

"މި ހޯދަން އެދިފައި އޮތިމަ...އަން ސޮއި ކޮށްލާ..." ޕާސްވޯޑް ދެމުން، އެ ހާވާލު ވި ކަމަށް ސޮއިކޮށްލަން ގަނޑެއް ދިނެވެ.

"ރީތި ސޮއި އެއް..." އޭނާ އެހެން ބުނުމާއެކު "ރިއަލީ...އޯލް މައިން އިޒް ނައިސް" އޭ ބުނެފައި އަހަރެން ދިޔައީ ކްލާހަށެވެ.

އޭގެ ގާތްގަނޑަކަށް މަސް ދުވަސް ފަހެވެ. ބޯކޮށް ވާރޭ ވެހެމުން ދިޔަ ދުވަހެކެވެ. ކްލާސް ގަޑި ޖެހުނު އިރުވެސް ނުހުޓައެވެ. ނަމަވެސް ތުނި ކޮށްލުމާއެކު އަހަރެން ސައިކަލުގައި ބޫން ކަނޑާފައި ހިގައްޖައިމެވެ. ކޮލެޖަށް ވަދެވުނު އިރު ރިސެޕްޝަންގައި މީހަކު ނެތެވެ. އަހަރެން ބޯ ފޮޅާލަމުން ދުވެފައި ސިޑިން އަރަން ދުއްވައިގަތީ މައްޗައް އަރާ މީހުން އާންމު ކޮށް އަރަނީ ލިފްޓުން ކަމަށް ވެފައި ސިޑި އަމާން ވާނެ ކަމަށް ބަލައިގެންނެވެ.

ސިޑީގެ އެއްވަނަ ބުރިއަށް ދެވަނަ ބުރިއަށް އަރާ ހިސާބުން އަހަރެން ގޮސް ލައިގަތީ މަލިކާގެ ގައިގައެވެ.

"އޫޕްސް...ސޮރީ.." އޭނާގެ ގައިގާ ލާގަތުމާއެކު އަހަރެން ބުނީއެވެ.

"އޯ ޔޫ އާ ވެޓް..." މަލިކާ ބުންޏެވެ.

"ޔޭ އިޓްސް ރެއިނިން.." އަހަރެން ބުނީމެވެ.

"ޓިޝޫއެއް ދޭން ވީ..." އޭނާ ބުންޏެވެ.

"ޔޭ ސޯ ކައިންޑް އޮފް ޔޫ..." އަހަރެން ހިނިތުން ވެ ލަމުން ބުނީމެވެ.

މަލިކާ އާ އެކު އަހަރެން ރިސެޕްޝަން ކައިރިއަށް ދިޔުމުން ޓިޝޫއެއް ދެމުން ބުންޏެވެ. "ޔު ހޭވް ނައިސް އެކްސެންޓް".

"އޯ...ތޭންކްސް" އަހަރެން ބުނީމެވެ.

މިހާރު ކޮލެޖު ނިމުނުތާ އެތަށް ޒަމާނެކެވެ. އަދިވެސް އެ ޓިޝޫ އަހަރެން ގެންގުޅެމެވެ. މަލިކާ އަހަންނަށް ނުލިބުނު ނަމަވެސް ޓިޝޫ އެބަ އޮތެވެ.

ކޮލެޖުގެ އެ ދުވަސްތަކުގެ ތެރޭގައި މަލިކާ އާއި އަހަންނާ ދެމެދު ބަދަހި ގުޅުމެއް އޮތެވެ. ދެމީހުން ވާހަކަ ދައްކާ ހަދަމެވެ. އެކަކު އަނެކަކަށް ލޯބި ހުށަ ނޭޅި ނަމަވެސް، ލޯބި ވެއެވެ. ހިތް ކިޔައެވެ. އަހަންނަށް މަލިކާއަށް ލޯބި ހުށަ ނޭޅުނީ އަހަރެން ހުރި ހާލަތުގެ ސަބަބުންނެވެ. އަހަންނަކީ މީހެއްގެ ފިރިއެކެވެ. ކައިވެނި ކުރިތާވެސް މާ ގިނަ ދުވަހެއް އޭރު ނުވެއެވެ. އާކޮޅު ވީމާ އިތުރު ކަމެއް ކުރާކަށް ހިތެއްވެސް ނޭދެއެވެ. އެހެން އުޅުމުގެ ތެރޭގައި އެއް ދުވަހަކު، ކޮލެޖުގެ ގްރެޖުއޭޝަން ޑޭގައި މަލިކާ އަހަރެންގެ ކައިރިއަށް އައެވެ.

"އައި ވޯންޓް ޓެލް ޔޫ ސަމްތިންގ..." މަލިކާ ބުންޏެވެ.

"ވަރަށް ލޯބި މިއަދު" މަލިކާ އަށް އަހަރެން ޖަވާބު ދިނީ މަލިކާ ހެދުން އަޅާފައި ހުރި ގޮތަށް އިޝާރާތް ކޮށެވެ.

"ދެން އެވާހަކައެއް ނޫނެ، ވާހަކައެއް ބުނަން..." މަލިކާ އަނެއްކާވެސް ބުންޏެވެ.

"ބުނެބާ.." އަހަރެން ބުނީމެވެ.

"އަހަރެންވެސް ޑިގްރީ ހަދަން މިއުޅެނީ...ބަޓް ނަބީލް ސަޕޯޓް ކޮށްދޭނަން ދޯ" މަލިކާ އެހެން ބުނުމުން އަހަރެން ހިނިތުންވަމުން އަފްކޯސް އޭ ބުނެ އަނެއްކާވެސް ބުނީމެވެ.

"މިރޭ އަސްލުވެސް ވަރަށް ހުމްހުމް...ހިތައް އަރާ ހަމަ..."

"ކޯއްޗެއް ހިތައް އަރަނީ...ބުނެބާ...ބުނެބަަ" މަލިކާ ބުންޏެވެ.

ނަމަވެސް އަހަރެންގެ ހިތުގައި އޮތް އެއްޗެއް ބުނަން ނުވަތަ ހުށަހަޅަން ހުރަސްތަކެއް ހުރިކަމެއް އަހަރެން މަލިކާ ގާތަކު ނުބުނަމެވެ. މަލިކާ ސިންގަލް ނަމަވެސް އަހަރެން ސިންގަލް ނޫން ވާހަކައެއްވެސް ނުބުނަމެވެ. އެކަމަކު މަލިކާ އެ އެދެނީ އަހަރެންގެ ހިތުގައި އޮތް އެއްޗެއް ބުނަންކަން އަހަންނަށް އެނގެއެވެ.

މަލިކާ ދެރަ ކުރާކަށްވެސް އަހަރެން ބޭނުމެއް ނުވެއެވެ. އެކަމަކު ލޯބި ހުށަހެޅޭކަށްވެސް ނެތެވެ.

"އޯކޭ ދަނީ...ކޮންގްރޭޗުލޭޝަންސް..." އަހަރެން ގްރެޖުއޭޓް ވާތީ މަރުހަބާ ކިޔަމުން، ދާން ހިނގައިގަންނަމުން މަލިކާ ބުންޏެވެ.

"ހޭ ވެއިޓް...އައި ވޯންޓް ޓެލް ޔޫ ސަމްތިންގ..."

"ނުބުނެ ވުނެއްނު..." މަލިކާ ހިނގައިގަތެވެ. އިރުކޮޅަކު ހުއްޓި ހުރުމަށް ފަހު އަހަރެންވެސް ދިޔައީއެވެ. އޭރު ގްރެޖުއޭޝަން ފެށެން ކައިރިވެފައި ހުރުމުން އަހަންނަށް ހާއްސަ ކުރެވިފައި ހުރި ގޮނޑިއަށެވެ.

އެ ރެއަށް ފަހު އަހަރެންގެ ސިކުނޑީގައި އަބަދުވެސް މަލިކާގެ ތަސްވީރު ހުރެއެވެ. މަލިކާގެ މަތިން އަބަދުވެސް ހަނދާންވެއެވެ. އެ ރީތި މޫނާއި ބުރުސޫރަ ހަމަ ވަނާތައް އަހަރެންގެ އިހުސާސްތަކާ ކުޅެއެވެ. އެހެނަސް އެ ދުވަހަށް ފަހު މަލިކާ އަހަރެންގެ ފޯނަކަށްވެސް އެސްއެމްއެސް އަކަށްވެސް ޖަވާބެއް ނުދެއެވެ.

އެހެން އުޅެމުން އެއްދުވަހަކު އަހަރެން އެހެން ނަންބަރަކުން މަލިކާއަށް ގުޅައިފީމެވެ. ހަމަ ގުޅުމާއެކު ނެގިއެވެ. އަހަރެން ކުރީ ޝަކުވާއެވެ. އަހަރެންގެ ރަސްމީ ނަންބަރުން ގުޅީމައި ގަސްދުގައި ރިޕްލައި ނުކުރަނީ އޭ ބުނެ ޝަކުވާ ކުރީމެވެ. މަލިކާ ބުނީ އޭނާގެ ހިތުގައި އަބަދުވެސް އަހަންނަށް ހާއްސަ މަގާމެއް އޮންނާނެ ކަމަށާއި ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށެވެ.

އެހެން ބުނެ ފޯން ބާއްވަން އުޅެން ފެށުމުން އަހަރެން ކީއްވެތޯ އެހާ އަވަހަށް ބާއްވަނީ އެހުމުން އޭނާގެ ބޯއީ ފްރެންޑެއް ހުންނަ ކަމަށް ބުންޏެވެ. އަދި އޭނާ ދެކެވެސް ލޯބި ވާކަމަށް ބުންޏެވެ.

މަލިކާ އެ ޑިސިޝަން އެ ގޮތަށް ނެގީ ކީއްވެތޯ އަހާ އަހަރެން ޝަކުވާ ކުރީމެވެ. ޖަވާބުގައި މަލިކާ ބުނީ، އަހަރެން މެރިޑް ކަމަށާއި ކިޑެއްވެސް ހުންނަކަން އެނގޭ ކަމަށެވެ. އެހެނަސް އަހަންނަށް ދިން މަގާމު އެ ހިތުގައި އޮންނާނެ ކަމަށާއި އަހަރެންގެ ހަޔާތަށް މަރުހަބާ ކަމަށެވެ. އެހެން ބުނެ އޭނާ ފޯނު ކަނޑާލީއެވެ. އޭގެ ފަހުން އަދި އަދަށް ދާންދެންވެސް ފޯނެއް ނުނަގައެވެ. އަދި ސޯޝަލް މީޑިއާ ޕްލެޓް ފޯމަކުން ހައި ޖެހިޔަސް އަނގަޔަކުން ނުބުނެއެވެ. އަހަންނަށް މަލިކާ ގެއްލުނީއެވެ.

- ނިމުނީ -