އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕުލާސްޓިކު މަރުހަލާތަކަކަށް ބަހާލައިގެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަނާކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ގެނެއި ބަދަލާއެކު އަންނަ ޖޫން މަހުން ފެށިގެން ރާއްޖެއަށް ސުޕާރީ އެތެރެ ކުރުން މަނާވާނެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކަން އިއުލާނުކުރި އިރު މި ހަބަރު ވެގެން ދިޔައީ ގިނަ ބަޔަކު ހިތް ފަޅާލި ހަބަރަކަށެވެ.

މި ހަބަރާއެކު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ތަފާތު ވައްތަރު ވައްތަރުގެ މީމްސް ވެސް ހެދިއެވެ. އެގޮތުން އެންމެ ބޮޑަށް އޭރު ކިއި އެއް ވާހަކަ އަކީ ބިއްލޫރު ފުޅީގައި ދެން ސުޕާރީ ވިއްކުކެވެ. ބިއްލޫރި ފުޅީގައި ސުޕާރީ ވިއްކާ ވާހަކަ ބުނުމުން ގިނަ ބަޔަކަށް ވީ މަޖާ ކަމަކަށެވެ.

ނަމަވެސް މިއަދު އެ ވާހަކަ ޖޯކަކަށް ނުވިއެވެ. ކުއްލިއަކަށް މި ފެނިގެން ދަނީ ފިހާރަތަކުގައި ބިއްލޫރި ފުޅިފުޅީގައި ސުޕާރީ ވިއްކަން ހުރި މަންޒަރެވެ.

ސުޕާރީ ބިއްލޫރި ފުޅި

އުފުދޭ ސުވާލަކީ ކުރިން ސުޕާރީ ޕެކެޓު ޖީބަށް ލައިގެން އުޅުނަސް ދެން ސުޕާރީ ބިއްލޫރި ފުޅި ޖީބަށް ލާނީ ކިހިނެތް ހެއްޔެވެ؟ ނޫނީ ކުޑަ އަތް ދަބަހަށް ލާނީ ކިހިނެތް ހެއްޔެވެ؟

ކޮންމެ އަކަސް މިއީ ސުޕާރީ ބިއްލޫރު ފުޅި ގަންނަ ނަމަ ވިސްނާނެ ކަން ކަމެވެ.

ފިހާރަތަކުގައި ވިއްކަން ހުރި ބިއްލޫރި ސުޕާރީ ފުޅިއެއްގައި 110 ގްރާމް ހުރެއެވެ. އަދި އޭގެ އަގަކީ 80 ރުފިޔާއެވެ.

ސުޕާރީ ބިއްލޫރި ފުޅި

ސުޕާރީ ޕެކެޓުގެ އިތުރުން ވެސް 11 ބާވަތެއްގެ އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕްލާސްޓިކު ރާއްޖެ އެތެރެ ކުރުން ވަނީ މަނާ ކޮށްފައެވެ.

އޭގެ ތެރެއިން ޖޫން 2021 ގައި މަނާ ކުރާ ތަކެއްޗަކީ:

  • ދިޔާ ތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި
  • ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅުކާ
  • ބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
  • ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
  • ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ
  • 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ޕްލަސްޓިކް ތަށި
  • ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި
  • ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިމަށް ބޭނުން ކުރާ ދިޔާތަކެތި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް) އެވެ.

އަދި ޑިސެމްބަރު 2022 އިން ފެށިގެން ބާޒާރުކުރަން ބޭނުންކުރާ 30 މައިކްރޯން އަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅާއި، 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ޝޭމްޕޫ އަދި ސައިބޯނި ފުޅި ވެސް މަނާ ވާނެއެވެ. އަދި ޑިސެމްބަރު 2023 އިން ފެށިގެން ރާއްޖެއަށް އިމްޕޯޓުކުރާ 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެން ވެސް މަނާ ވާނެއެވެ.

ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން ތައްޔާރު ކޮށްފައިވާ ތަކެތީގެ ތެރެއިން އެއް ފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޒާތުގެ ތަކެތީގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވާ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާކޮށް އިމްޕޯޓް އެކްސްޕޯޓް ގާނޫނު ތަސްދީގު ކުރައްވާފައި ވަނީ ޑިސެމްބަރު މަހުގެ 22 ގައެވެ.