އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން ފިޔަވާ އެންމެން ކަރަންޓީން ވާން ޖެހޭ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ކުރި ޓްވީޓެއްގައި ބުނީ އިންޑިޔާއިން ރާއްޖެ އަންނަ ދިވެހިންނާއި އެގައުމުން ވޯކް ވިސާގައި ރާއްޖެ އަންނަ މީހުން ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފާ ވީނަމަވެސް ކަރަންޓީން ވާންޖެހޭނެ ކަމަށެވެ.

އެގޮތުން ހޯމް ކަރަންޓީންގެ 10 ދުވަސް ވޯކް ވިސާގައި އަންނަ މަސައްކަތްތެރިންނާއި ދިވެހިންް ފުރިހަމަ ކުރަންޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން އިންޑިއާއިން އަންނަ ފަރާތްތަކުން ކަރަންޓީނުވާން ޖެހޭގޮތަށް އުސޫލަށް ބަދަލު ގެނެސްފައިވާއިރު އިންޑިއާގައި ކޮވިޑް ފެތުރޭ މިންވަރު ވަނީ އަނެއްކާވެސް އިތުރުވެފައެވެ.

އެގޮތުން މިއަދުވެސް އިންޑިއާއިން ރެކޯޑް އަދަދުތަކުން ކޮވިޑް ކޭސްތައް ރެކޯޑް ކޮށްފައިވާއިރު ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 332730 ކޮވިޑް ކޭސް ފެނިފައި ވާކަމަށް އިންޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން، މުޅި ދުނިޔެވެސް ދުށް ރެކޯޑެކެވެ. ބުރާސްފަތި ދުވަހުވެސް އިންޑިއާއިން ވަނީ ރެކޯޑް އަދަދުތަކުން ކޭސް ރިޕޯޓް ކޮށްފައެވެ.

މިކަމާ ގުޅިގެން ގިނަ ގައުމުތަކަކުން ދަނީ، އެ ގައުމުގެ ބޯޑަރުތައް، އިންޑިއާއަށް ބަންދު ކުރަމުންނެވެ.