ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން އަހަރެއްހާ ދުވަހަށް ފަސްކުރުމަށް ފަހު ޖަޕާނުގައި މިހާރު ކުރިއަށް ދާ އޮލިމްޕިކް ޓޯޗް ރިލޭގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފުލުސް އޮފިސަރެއް، ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މި އޮފިސަރަކީ، ޓޯކިޔޯ އޮލިމްޕިކްސް ބަބްލްއިން ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ.
އުމުރުން 30 އަހަރުގެ ފުލުސް އޮފިސަރު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ، ކަގާވާ ޕްރީފެކްޗާގައި ރިލޭގެ މަސައްކަތުގައި އުޅުމަށްފަހުގައި ކަމަށް، ޓޯކިޔޯ 2020 އިން އާންމު ކުރި ބަޔާނެއްގައި ވެއެވެ.
އެމީހަކީ ރިލޭ ކުރިއަށް ދިޔަ ވަގުތު ޓްރެފިކް ކޮންޓްރޯލް ކުރަން ހުރި މީހެއް ކަމަށާ، ހޮނިހިރު ދުވަހު ޑިއުޓީ އަދާ ކުރުމަށްފަހު ހުން އައީ އާދީއްތަ ދުވަހު ކަމަށެވެ. ފުލުސް އޮފިސަރު ހުރީ މަސްކުގައި ކަމަށާ، އެއްވެސް ދުވުންތެރިއަކާ އޭނާ ކޮންޓެކްޓް ވެފައި ނުވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި ދަނޑިވަޅަކީ ކޮވިޑް-19ގެ 4 ވަނަ ރާޅެއް ޖަޕާނަށް ކުރިމަތިވެފައި ވާ ދަނޑިވަޅަކަށް ވާއިރު، މި ވަގުތު އޮލިމްޕިކް ގޭމްސް ކުރިއަށް ގެންދިއުމަކީ، ބަލިމަޑުކަން އިތުރަށް ފެތުރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ބުނެ، ޖަޕާނުގެ އާންމުންގެ މެދުގައި މި މުބާރާތުގެ މަގުބޫލުކަން ވަނީ ފަނޑުވެފައެވެ.
އަހަރެއްހާ ދުވަހަށް ފަސްކުރި އޮލިމްޕިކް ގޭމްސް ފަށަން 90 ވަރަކަށް ދުވަހަށް ވެފައި ވާއިރު، އިތުރަށް މި މުބާރާތް ފަސް ކުރުމަށް ޖާގަ ނެތް ނެތް ކަމަށް އޮލިމްޕިކް އަދި ޖަޕާނު ސަރުކާރުގެ އޮފިޝަލުން ގެންދަވަނީ ވިދާޅުވަމުންނެވެ.