މިދިޔަ ހުކުރު ދުވަހުގެ ރޭ މާފަންނު ލެމަންގްރާސް ކުރިމަތިން 2 ފިރިހެނަކު ވެގެން އަންހެނަކު ނަގައިގަނެގެން ރޭޕްކުރަން ގެންދާ މަންޒަރު ފެންނަ ވީޑިއޯ އާންމު ވެއްޖެއެވެ.

އެ ވީޑިއޯއިން ފެންނަނީ، 2 ފިރިހެއްގެ ތެރެއިން ކުރިއަށް ހުރި މީހާ، އަންހެނެއްގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް އޭނާއާއެކު އަންހެން މީހާ ގެންދާތަނެވެ. އޭރު އަންހެން މީހާގެ އަތް އޮތީ އެ ފިރިހެން މީހާގެ ކޮނޑު މަތީގައެވެ. އޭނާ އަންހެން މީހާ ދަމަމުން ގެންދާއިރު ފަހަތުން އިތުރު ފިރިހެނަކު ދެއެވެ. އޭރު އެ މަގުން އެމީހުން ފަސްދީ ދާ އިތުރު ފިރިހެނަކުވެސް ފެނެއެވެ. އެމީހާ އެ ދެމީހުންނާ ދިމާއަށް ބަލާލައިފައިވެސް އަޅާ ނުލާ ދެއެވެ.

އަންހެން މީހާ ސަލާމާތް ވުމަށް އަދި އެ ފިރިހެން މީހާއާ އެކު ނުދާން ގަދަހަދާތަން ފެނެއެވެ. ނަމަވެސް އެ ފިރިހެން މީހާ އޭނާގެ އަތުން ދޫނުކޮށް އެ މަގުގައި ލެމަންގްރާސް ހުންނަ ފަޅި ނޫން އަނެއް ފަޅީގައި އޮންނަ ހަނި ގޯޅިއަކާ އަރާ ހަމަވެފައި އެ ގޯޅި ތެރެއަށް ފިރިހެން މީހާ ޖެހިލައި އަންހެން މީހާ އެ ގޯޅިތެރެއަށް ދަމައިގަންނަން މަސައްކަތް ކުރެއެވެ. އެއާއެކު، އަންހެން މީހާ ގަދަ ހެދުމުން އަތް ނެއްޓި ބިންމައްޗަށް ވެއްޓެއެވެ. އޭރު އެތާނގައި (އޭނާ ވެއްޓުނު ހިސާބުގައި) ދެ ފިރިހެނަކު ކޮޅަށް ތިބެއެވެ. އަޅައެއް ނުލައެވެ. އެއީ ދިވެހިން ކަމެއް ނުވަތަ ބިދޭސީން ކަމެއް ސާފެއް ނުވެއެވެ.

އަންހެން މީހާ ވެއްޓުމާއެކު، އޭނާގެ އަތުގައި ހިފައިގެން ހުރި މީހާ، ޖީންސް އުނަގަނޑުން މައްޗަށް އަރުވާލުމަށް ފަހު، ގުދުވެ އަންހެން މީހާގެ ދެފައިގާ ހިފާ ދަމައިގަނެއެވެ. އެއާއެކު އެ ދެމެމީހުންގެ ފަހަތުން ދިޔަ އަނެއް ފިރިހެން މީހާ ކައިރިވެ ގުދުވެ ދެކޮނޑުގައި ހިފާ އުފުލާލައެވެ.

ދެން އެދެމީހުން ވެގެން އަންހެން މީހާ ވެއްދީ ގޯޅިގަނޑަށެވެ. އޭރު އެ ގޯޅިގަނޑުގެ ގައިރީގައި ތިބި 2 މީހުންވެސް އަދި ތަންކޮޅެއް ދުރުގައި ހުރި އެހެން މީހަކުވެސް ބަލަހައްޓައިގެން ތިބެއެވެ. އަޅައެއް ނުލައެވެ.

https://www.facebook.com/butherphai/videos/10157918562121129/

މާލޭގައި މި ހާދިސާ ހިނގާފައި ވަނީ، މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 7:45 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އެއީ އުމުރުން 18 އަހަރުގެ އަންހެނެއް ކަމަށާއި، އޭނާ އަށް އެހާދިސާ ދިމާ ވި އިރު ލެމަންގްރާސް ކައިރީގައި ހުންނަ އީދު މިސްކިތުގައި ތަރާވީސްވެސް ދިޔައީ ކުރިއަށެވެ.

މަގުމަތީގަވެސް ސަފުހަދައިގެން މީހުން ނަމާދަށް ތިބި ވަގުތެއްގައި އެކަން ކުރީ އުމުރުން 18 އަހަރާއި 23 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އެރޭ 8:10 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި ރޭޕްގެ ތުހުމަތު ކުރެވޭ ދެ ފިރިހެނުން ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން ދާއިރު ރޭޕް ކުރުމުގެ މައްސަލަތައް މި ފަހުން އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން މިދިޔަ މަހު މެދު ރާއްޖެތެރޭ ރަށެއްގައި ކުޑަ ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.