އއ. މަތިވެރި އަދި ކ. މާފުށިން ކޮވިޑް ކޭސްތަކެއް ފެނި އެރަށްތައް މޮނިޓަރިން ހާޅަތަށް ބަދަލު ކޮށްފިއެވެ.

ކ. މާފުށި މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ވަނީ އިއްޔެ ގެ ވަގުތެއްގައެވެ. އެ ރަށް މނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ވަނީ އެ ރަށު ފްލޫކްލިނިކަށް ބަލީގެ އަލާމަތް ހުރުމުން ޑޮކްތަރަށް ދެއްކި މީހަކު ބައްޔަށް ޕޮޒިޓިވްވުމާ އެކުއެވެ. މިހާތަނަށް އެމީހާގެ ކޮންޓެކްތުންގެ ގޮތުގައި ދެނެގަނެވުނު މީހުން ޓެސްޓުކޮށްފައިވާ އިރު ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެ ރަށު ފްލޫ ކްލިނަކަށް ޑޮކްޓަރަށް ދެއްކި އިތުރު 8 މީހަކުވެސް މިހާރު ވަނީ ޕޮޒިޓިވްވެފައެވެ.

އއ. މަތިވެރިން ކޮވިޑް ކޭސް އެއް ފެނިގެން އެރަށް މޮނިޓަރިންގެ ހާލަަތަށް ބަދަލުކޮށްފައި ވަނީ މިއަދުއެވެ. އެ ރަށް މޮނިތަރިންގެ ހާލަތަށް ބަދަލު ކުރީ އއ. ބޮޑުފޮޅުދޫގައި ހުރި މަތިވެރި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާއާ ގުޅުން ހުރި ބަޔަކު ޓެސްޓު ކުރުމުންނެވެ، އެ ގޮތުން 10 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާރު އެ ރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ބޮޑުފޮޅުދޫ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

ފާއިތުވި މަސް ތެރޭގައި ރަށްރަށުން ފެންނަ ކޮވިޑް ކޭސްތައް ބޮޑުތަނުން އިތުރު ވެފައި ވާ ކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ވެސް ދަނީ ޕޮޒިޓިވް ވަމުންނެވެ. އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.