އަވަށްޓެރި އިންޑިއާއިން ފެނުނު ކޮރޯނާވައިރަހުގެ އާ ވޭރިއަންޓްގެ 8 ކޭހެއް އިސްރާއީލުން ފެނިފައި ވާ ކަމަށާ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ފައިޒާ/ބައޮއެންޓެކް ކުންފުނިން ތަރައްގީ ކޮށްފައިވާ ވެކްސިނަކީ، އިންޑިއާގެ މި ވޭރިއަންޓާ ދެކޮޅަށް ހިސާބަކަށް ކާމިޔާބު ވެކްސިނެއް ކަމަށް ގަބޫލު ކުރާ ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ، ފާއިތުވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިސްރާއީލަށް އެތެރެވި އެކި މީހުންގެ ހަށިގަޑުން ސާމްޕަލް ނަގައިގެން ހެދި ޓެސްޓުތަކުން، އިންޑިއާ ވޭރިއަންޓްގެ 7 ކޭހެއް ފުރަތަމަ ފާހަގަ ކުރެވުނު ކަމަށެވެ. އަދި މިއަދަދު މިހާރު 8 އަށް އިތުރުވެފައި ވާކަމަށް، އިސްރާއީލުގެ ސިއްހަތާ ބެހޭ ވުޒާރާގެ އިސް އޮފިޝަލަކު ވަނީ ރޭޑިއޯ ސްޓޭޝަނަކަށް ކަށަވަރު ކޮށްދީފައެވެ.

އިންޑިއާ ވޭރަންޓާ ގުޅިގެން އިސްރާއީލުން ހަދަމުންދާ ދިރާސާތަކާ ގުޅިގެން ރޮއިޓާޒް އިން ކުރި ސުވާލަށް އިސްރާއީލުން އިޖާބަ ދީފައި ނުވާ ކަމަށް، އިންޑިއާގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. އިނގިރޭސިވިލާތާ އަޔަލަންޑުންވެސް ވަނީ އިންޑިއާ ވޭރިއަންޓާ ގުޅޭ ދިރާސާތަކެއް ކުރަމުން އަންނަ ކަން އިއުލާން ކޮށްފައެވެ.

އިންޑިއާ ވޭރިއަންޓްގެ ގޮތުގައި ރިއާޔަތް ކުރަމުން އަންނަ މި ވޭރިއަންޓަކީ 2 ގޮތަކަށް ބަދަލުވެފައިވާ ވޭރިއަންޓްއެކެވެ. 2 ގޮތަކަށް ބަދަލުވެފައިވާ މި އާ ވޭރިއަންޓް އެންމެ ފުރަތަމަ ދެނެގަތީ މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި، އިންޑިއާގެ ސިއްހީ އޮފިޝަލުންނެވެ.