ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ބައިނަލްއަގުވާމީ ވައިގެ އުދުހުންތައް މެދުކަނޑާލާފައި އޮތުމަށްފަހު، އެ ހިދުމަތް އަލުން ދޭން ފަށާއިރު، 20 ގައުމެއްގެ މައްޗަށް މިކަން ތަންފީޒު ނުވާނެ ކަމަށް، ސައުދީ އެރޭބިއަން އެއާލައިންސްއިން ހާމަކޮށްފިއެވެ.

ބައިނަލްއަގުވާމީ ވައިގެ އުދުހުންތައް، މެއި 17، 2021 ވަނަ ދުވަހު ފަށަން ތާވަލު ކޮށްފައި ވީ ނަމަވެސް، ސައުދީއަށް ދަތުރު ކުރުން މަނާ 20 ގައުމެއް ހިމެނޭހެން، ފެބުރުއަރީ 2021 ގައި އިއުލާން ކުރި ލިސްޓުގައި ހިމެނޭ ގައުމުތަކަށް، މި ލުއި ނުލިބޭނެ ކަމަށް ސައުދީ އެރޭބިއަން އެއާލައިންސްއިން ބުނެއެވެ.

މިވަގުތު ހާލަތު ހުރި ގޮތުން، ސައުދީއަށް ދަތުރު ކުރުން މަނާ 20 ގައުމުގެ ތެރޭގައި ހިމެނެނީ އާޖެންޓީނާ، އެކުވެރި އަރަބި އިމާރާތް، ޖަރުމަނުވިލާތް، އެމެރިކާ، އިންޑޮނޭޝިއާ، އިންޑިއާ، ޖަޕާން، އަޔާލަންޑް، އިޓަލީވިލާތް، ޕާކިސްތާން، ބްރެޒިލް، ޕޯޗުގަލް، އިނގިރޭސިވިލާތް، ތުރުކީވިލާތް، ދެކުނު އެފްރިކާ، ސްވީޑަން، ސްވިސް ކޮންފެޑަރޭޝަން، ފަރަންސޭސިވިލާތް، ލުބްނާން އަދި މިސްރެވެ.

މީގެ އިތުރުން، ސައުދީއަށް އެތެރެވުމުގެ 14 ދުވަސް ކުރިން، މިއިން ގައުމަކަށް ޒިޔާރަތް ކޮށްފައި ވާ ފަރާތްތަކަށްވެސް ސައުދީއަށް އެތެރެ ނުވެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، މި ގައުމުތަކުން ސައުދީއަށް އެތެރެވާން އަންނަ ސައުދީގެ ރައްޔިތުންނާ، ހާރިޖީ ޑިޕްލޮމެޓުންގެ އިތުރުން ސިއްހީ ހިދުމަތްތެރިންނާ އެމީހުންގެ އާއިލާތަކަށް އިމްތިޔާޒުތަކެއް ލިބިދޭ ކަމަށް ހަބަރު ލިބެއެވެ.