މިވޭތުވެދިޔަ 24 ގަޑި އިރަކީ ވިލާތުގެ ފުޓްބޯޅައިގެ މުސްތަޤްބަލް ބިނާވެގެންދާނެ ގޮތް ފެނިގެންދާނެ މުހިންމު 24 ގަޑި އިރެވެ. ވިލާތުގެ ބޮޑު ކްލަބްތަކުން އަމިއްލަ ލީގެއް ހަދައިގެން 'ސުޕާ' މުބާރާތެއް ކުޅޭނެ ކަން އިއުލާނުކުރުމާއެކު ވިލާތުގެ ފުޓްބޯޅަ ދުނިޔެ މިވަނީ މުޅިން ހިލުވާލާފައެވެ.

އެބުނާ 'ދަ ޔޫރަޕިއަން ސުޕާ ލީގް' އަށް ކައިރި ނަޒަރެއް ހިންގާލަމާ ހެއްޔެވެ.

މިލީގަކީ ކޮބާ އަދި ލީގުގައި ބައިވެރިވަނީ ކޮން ޓީމުތަކެއް؟

ޔޫރަޕިއަން ސުޕާ ލީގަކީ ވިލާތުގެ ބޮޑެތި 20 ކްލަބްގެ މެދުގައި ކުޅޭ މުބާރާތެކެވެ. މިހާރު ވިލާތުގެ ކޮންމެ ލީގެގެއްގެ އެންމެ މޮޅު ޓީމުތަކުގެ މެދުގައި ކުޅޭ ޗެމްޕިއަންސް ލީގާ ވާދަ ކުރާނެ މިމުބާރާތް ހިންގާނީ ލީގު އުފައްދާ 15 ޓީމުންނެވެ. މީގެ ތެރެއިން 12 ކްލަބެއް މިހާރު ނިންމާފައިވާ އިރު އިނގިރޭސި 'ގަދަ ހައެއް' ގައި ހިމެނޭ މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޑެޓް، ލިވަޕޫލް، ޗެލްސީ، އާސަނަލް އަދި ޓޮޓެންހަމް މީގައި ހިމެނެއެވެ. މީގެ އިތުރުން ސްޕެއިންގެ ބާސޮލާނާ، ރިއަލް މެޑްރިޑް އަދި އެތްލެޓިކޯ މެޑްރިޑް ހިމެނޭ އިރު އިޓަލީގެ ޔުވެންޓަސް، އެސީ މިލާން އަދި އިންޓާ މިލާނަކީ ވެސް މި 12 ޓީމުގެ ތެރޭ ހިމެނޭ ކްލަބްތަކެވެ.

ފާހަގަކޮށްލެވޭ އެއް ކަމަކީ ޖަރުމަނު ޗެމްޕިއަންސް ބަޔާން މިއުނިކް އަދި ފަރަންސޭސި ޗެމްޕިއަންސް ޕީއެސްޖީ މިލީގުގައި ބައިވެރިވާނެ ކަން ހާމަކޮށްފައި ނުވުމެވެ.

ޕީއެސްޖީގެ ފޯވަޑް އެމްބާޕޭ އުފާ ފާޅުކުރަނީ/ ފޮޓޯ: ޗެމްޕިއަންސް ލީގު ޓުވިޓާ

ލީގުގެ ފޯމެޓަކީ ކޮބާ އަދި ފަންޑް ކުރަނީ ކޮން ބައެއް؟

ސުޕާ ލީގުގެ ވެބްސައިޓް ބުނާ ގޮތުން މި މުބާރާތަކީ ކޮންމެ އަހަރަކު ކުޅޭނެ މުބާރާތެކެވެ. ޖުމްލަ 20 ޓީމު ހިމެނޭ އިރު ފައުންޑިންގް 15 ކްލަބް ކޮންމެ އަހަރެއްގެ މުބާރާތަށް އޮޓޯއިން ކުއަލިފައިވާނެއެވެ. އަދި އަނެއް ފަސް ޓީމު ހޮވާނީ ވިލާތުގެ ލީގުތަކުންނެވެ.

މުބާރާތް ކުޅޭނީ 10 ޓީމުގެ ދެ ގްރޫޕަށް ބަހާލާ އެއްޓީމު އަނެއް ޓީމާ ކުޅޭ ދެބުރުގެ މެޗުތައް ނިމޭ އިރު އެންމެ ގިނަ ޕޮއިންޓް ލިބޭ 8 ޓީމު ނޮކްއައުޓް ސްޓޭޖަށް ދާ ގޮތަށެވެ. އެއަށް ފަހު ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލް މެޗުތައް ދެލެގަކަށް ބަހާލައިގެން ކުޅޭ އިރު މުބާރާތުގެ ޗެމްޕިއަން ޓީމު ނިންމާނީ ފައިނަލް މެޗަކުންނެވެ.

ސުޕާ ލީގުގައި ރިއާލް އަދި ލިވަޕޫލް ވެސް ބައިވެރިވޭ/ ފޮޓޯ: ޗެމްޕިއަންސް ލީގު ޓުވިޓާ

މި ލީގު ފައިނޭންސް ކުރަނީ އެމެރިކާގެ ބޭންކެއް ކަމަށްވާ ޕޭޖީ މޯގަންއިންނެވެ. މިގޮތުން އެބޭންކުން މިހާތަނަށް ވަނީ 5 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައެވެ. އަދި ލީގު އުފައްދާ ކްލަބްތަކުން ބުނަނީ ފަށައިގަތުމަށް ކޮންމެ ޓީމަކަށް 3.5 ބިލިއަން ޕައުންޑްގެ މާލީ އެހީއެއް ލިބޭނެ ކަމަށެވެ.

މިފަދަ ލީގެއް އުފެއްދުމުގެ ބޭނުމަކީ ކޮބާ؟

ސުޕާ ލީގުން ބުނީ މިއީ ޔޫރަޕްގެ ބޮޑެތި ކްލަބްތަކުގެ މޮޅު ކުޅުންތެރިންނަށް ކޮންމެ ހަފްތާއަކު ހެން ވާދަކުރަން ލިބޭނެ ފުރުސަތެއް ކަމަށާ މިއީ ވިލާތުގެ ފުޓްބޯޅަ ކުރިއަރައިގެންދާނެ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް ފުޓްބޯޅަ ޕަންޑިޓުންގެ ހިޔާލު ތަފާތެވެ. އެފަރާތްތަކުުން ބުނީ މިފަދަ ލީގެއް ހަމައެކަނި ބޭނުމަކީ ފައިސާ ހޯދުން ކަމަށެވެ. ކޮވިޑް ޕެންޑަމިކްގެ ސަބަބުން ބޮޑެތި ކްލަބްތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބުނު އިރު ކްލަބްތަކުގެ ދަރަނިތައް އިތުރުވަމުންދާ ކަމަށެވެ. އަދި މިހާރު ކުޅޭ ޗެމްޕިއަންސް ލީގު މުބާރާތުން މޮޅުވެގެން ލިބޭ ފައިސާގެ އިނާމްގެ ދެގުނަ ސުޕާ ލީގުގައި ބައިވެރިވެގެން ވެސް އެޓީމުތަކަށް ލިބޭނެ ކަމަށާ މިފަދަ މާލީ ފައިދާއެއް ދޫކޮށްލަން ޓީމުތަކުން ބޭނުމެއް ނުވާނެ ކަމަށެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނީ މިފަދަ ލީގެއްގެ ހަމައެކަނި ބޭނުމަކީ ފައިސާ ހޯދުން ކަމަށް

މިކަމާ ދެކޮޅު ހަދަނީ ކޮން ބައެއް އަދި އެއީ ކީއްވެ؟

ލީގުގައި ބައިވެރިވާން ނިންމާފައިވާ ޓީމުތައް ނޫން އެހެން ހުރިހާ ފަރާތަކުން ވަނީ މިކަމާ މެދު ހިތް ހަމަނުޖެހުން ފާޅުކޮށްފައެވެ. މީގެ ތެރޭގައި ފީފާ އަދި ޔޫއެފްއާގެ ބޮޑުން ހިމެނޭ އިރު އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އަދި ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނާއި މަޝްހޫރި ކޯޗުންނާއި ޓީމުތަކުގެ ފޭނުން ވެސް ވަނީ މިކަން ދޫކޮށްލުމަށް ގޮވާލާފައެވެ.

ލިވަޕޫލްގެ ދަނޑުގެ ބޭރުގައި ސުޕާ ލީގާ ދެކޮޅަށް ހަރުކޮށްފައި ހުރި ބޭނާއެއް

މިކަމުގެ ސަބަބެއް ކަމަށް ގިނަ ބަޔަކު ދެކެނީ މިފަދަ ލީގެއް ސަބަބުން ގައުމުތަކުގެ ވަކި ވަކި ލީގުތަކުގެ ވާދަވެރިކަން ގެއްލޭނެ ކަމެވެ. އެއީ ވެސް ދޮގެއް ނޫނެވެ. ސުޕާ ލީގުގައި ހިމެނޭ 15 ކްލަބް ސީޒަން ނިންމާއިރު ލީގު ތާވަލުގެ ކޮންމެ ހިސާބެއްގައި އޮތް ނަމަވެސް މުބާރާތަށް ކޮލިފައިވާ ނަމަ ވަކި ވަކި ލީގުތަކުގައި އޮންނަ ވާދަވެރިކަމަށް ނިމުން އަންނާނެއެވެ.

މީގެ އިތުރުން، ސުޕާ ލީގު ޓީމުތަކާ ލީގުތަކުގައި ކުޅޭ އެހެން ޓީމުތަކާ ދެމެދު އޮންނަ މާލީ ފަރަގު ވެސް ބޭ އިންސާފުވާ ވަރަށް ބޮޑުވެގެންދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ދެން ވާނީ ކިހިނެއް؟

ސުޕާ ލީގު ފަށާނެ ކަން އިއުލާނުކުރުމުން ލިބުނު ފަނޑު ތަރުހީބާ ނަފްރަތުގެ ބަސްތަކާ އެކު ވެސް ލީގައިގެން ކުރިއަށްދާން ކްލަބްތަކުން ތިބި އިރު ފީފާ އަދި ޔޫއެފްއާއިން ވަނީ ކްލަބްތަކުގެ ކުޅުންތެރިންނަށް ވަރުގަދަ އިންޒާރެއް ދީފައެވެ. މިގޮތުން މިފަދަ ލީގެއްގައި ކުޅޭ އެއްވެސް ޓީމެއްގެ އެއްވެސް ކުޅުންތެރިއަކަށް ވޯލްޑް ކަޕް އަދި ޔޫރޯ ފަދަ ފުޓްބޯޅަ މުބާރާތްތަކުން އަމިއްލަ ގައުމު ތަމްސީލު ނުކުރެވޭނެ ކަމަށް އެޖަމާއަތްތަކުން ވަނީ ނިންމާފައެވެ.

ޔޫއެފްއާގެ ރައިސް އެލެގްޒެންޑާ ކެފްރިން ވަނީ ސުޕާ ލީގު އުފައްދާ ޓީމުތަކަކީ ހަރުފަތަކެއްގެ ގޮތުގައި ސިފަކޮށްފައި

އަނެއްކޮޅުން، މިއަދުގެ ވަގުތެއްގައި ޕްރިމިއާ ލީގުގެ އިސްވެރިން ސުޕާ ލީގުގައި ހިމެނޭ ހަ ޓީމު ނުލާ އެހެން ޓީމުތަކާ ބައްދަލުކުރާނެ އިރު މި ބައްދަލުވުމުގައި މި ހަޓީމަށް އަޅާނެ ފިޔަވަޅު ނިމިގެންދާނެ ކަމަށް ބެލެވެއެވެ. މިގޮތުން، މި ހަޓީމު ލީގުން ބޭރުކޮށްލާނީތޯ ނުވަތަ ރެލިގޭޓް ކޮށްލާނީތޯ ނިންމާނެ ކަމަށް ބެލެވެއެވެ.

ކޮންމެ އަކަސް ކުރިއަށް އޮތް ދުވަސްތަކަކީ މިކަމުގައި ކަން ވާނެ ގޮތް ނިމިގެންދާނެ ދުވަސްތަކަށްވާނެ އިރު މިއީ އިނގިރޭސި އަދި ވިލާތުގެ ފުޓްބޯޅައިގެ މުހިންމު ހިނދުކޮޅަކަށްވާނެއެވެ.