އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން، ކާމިޔާބު ކަމާއެކު، މާސް ޕްލެނެޓުގައި ކުޑަ ހެލިކޮޕްޓަރެއް އުދުއްސައިފިއެވެ.

"އިންޖެނުއިޓީ"ގެ ނަން ދީފައިވާ މި ޑްރޯން ހެލިކޮޕްޓަރު، މާސް ޕްލެނެޓުގައި އުދުހުނީ 1 މިނިޓަށް ވުރެ ވެސް މަދު ވަގުތުކޮޅަކަށެވެ. ނަމަވެސް ނާސާއިން މިކަމާ ފަހްރުވެރިވެ، އެކަން ފާހަގަ ކުރަނީ، އެހެން ޕްލެނެޓެއްގައި ވައިގެ އުޅަނދެއް ކޮންޓްރޯލް ކޮށްގެން އުދުއްސި ފުރަތަމަ ފަހަރުގެ ޝަރަފު ލިބުނު ކަމަށް ބުނަމުންނެވެ.

"އިންޖެނުއިޓީ" ޑްރޯން ހެލިކޮޕްޓަރު، މާސް ޕްލެނެޓުގައި އުދުހުނު ކަމުގެ މައުލޫމާތު، ނާސާއަށް ރިލޭ ކުރީ، މާސް ޕްލެނެޓުގައިވާ ސެޓެލައިޓެއް މެދުވެރިކޮށެވެ.

ނާސާއިން ވަނީ، މިފަދަ އިތުރު ފްލައިޓްތައް އަޅާނެ ކަމަށް ބުނެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި، އާ އުސްމިންތަކަށް "އިންޖެނުއިޓީ" އުދުއްސާނެ ކަމަށްވެސް ބެލެވެއެވެ. މި ފަހަރު، ހެލިކޮޕްޓަރު އުދުހުނީ އެންމެ 3 މީޓަރު އުހުގައި ކަމަށް ހަބަރު ލިބެއެވެ.

"އިންޖެނުއިޓީ" ޑްރޯން ހެލިކޮޕްޓަރު މާސް ޕްލެނެޓަށް ގެންދިޔައީ، މިދިޔަ ފެބުރުއަރީ މަހު މާސްއަށް ދަތުރުކުރި، ނާސާގެ ޖައްވީ އުޅަނދު، "ޕާސިވިއަރަންސް ރޯވާ"ގައެވެ.