ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމީ ޝާއްކެއް އޮތް ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ މަނިކުފާނު ފޮނުއްވި މެސެޖާ ގުޅިގެން ރައީސް ސޯލިހް ޖަވާބު ދެއްވުމުންނެވެ. އެއަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ މިހާރު ވެރިކަން ކުރަމުން އަންނަ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލުކުރަން ނިންމާފައިވާ ގޮތެއް ކަމަށް ވާތީ، މިކަމަށް ބަދަލެއް ގެނެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުން ކަަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށެވެ.
މި ކަމާ ގުޅިގެން ނަޝިދު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެން ވޯޓަކުން ކަމަށެވެ. އަދި އެއީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. ނިޒާމް ބަދަލު ކުރުމުގެ ކޮންމެ މަޝްވަރާއަކީ އަދި ކޮންމެ މަސައްކަތަކީވެސް ފެންނަ ނުފެންނަ ވޯޓަކާ ގުޅޭ ކަންކަން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީގެ ވާހަކަ ދައްކަވާ ބޭފުޅެކެވެ. މިހާރުވެސް މަޖިލީހުގެ ދައުރު ފުޅާ ކޮށް، ސަރުކާރުގެ އެކިއެކި ކަންކަމާ ފުޅާ ދާއިރާއެއްގައި ފާޑު ވިދާޅުވަމުންވެސް ގެންދަވައެވެ. އަދި ސީދާ ސަރުކާރުން ބަސް ބުނަން ޖެހޭ ކަންކަމުގައިވެސް ރައީސް ނަޝީދު ބަސް ވިދާޅުވެފައި އެބަ ހުއްޓެވެ.
ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ބޭނުންފުޅުވާ ކަމަށް ނަޝީދު ދެންނެވުމާ އެކު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައި ވަނީ ރާއްޖޭގައި ހިނގަމުން މިދާ ރިޔާސީ ނިޒާމަކީ ދިވެހި ރައްޔިތުންގެ ބޮޑު އަގްލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއް ކަމަށެވެ. އަދި ވެރިކަމުގެ ނިޒާމު އިރުއިރު ކޮޅުން ބަދަލެއް ނުކުރެވޭނެ ކަމަށެވެ.
ރައީސް ސޯލިހަށް ފޮނުއްވި މެސެޖުގައި ނަޝީދު ހުށަހަޅުއްވާފައި ވަނީ، 2023 ގައި ރިޔާސީ އިންތިހާބު ނުބާއްވާ، 2022 ގައި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލު ކުރާށާއި ސަރުކާރު ވެސް އުވާލާށެވެ. އަދި މަޖިލީހުގެ މިހާރުގެ ދައުރު ނިމި މަޖިލިސް އުވާލަންދެން މަޖިލީހުން ގައުމު ހިންގާ ގޮތަށްވެސް ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ.