މައްސަލައަކީ ނިޒާމެއް ނޫން ކަމަށާއި މިވަގުތު ބޭނުންވަނީ އިހްލާސްތެރި އަދި ހިންގުންތެރި ވެރިން ކަމަށް އުގެއިލް ފައުންޑޭޝަންގެ ފައުންޑާ އަދި ރައީސް، ޕްރޮފެސާ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

އުގެއިލް އެހެން ވިދާޅުވީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކޮށް، ބޮޑުވަޒީރުގެ މަގާމު ބޭނުންފުޅު ވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމާ ގުޅިގެންނެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އުގެއިލް ވިދާޅުވީ މައްސަލައަކީ ނިޒާމެއް ނޫން ކަމަށާއި ވަކި ނިޒާމަކަށް ވުރެ ބޮޑަށް ގައުމަށް މިވަގުތު ބޭނުންވަނީ އިހްލާސްތެރި، ހިންގުންތެރި އަދި ވައުދުތައް ފުއްދާ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ވެރިން ކަމަށް ވެސް އުގެއިލް ވަނީ ވިދާޅުވެފައެވެ.

https://www.facebook.com/712725635/posts/10157759762800636/?d=n

އެކަމާ ގުޅިގެން ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ވެސް ވަނީ ޓްވީޓު ކުރައްވާފައެވެ. އެގޮތުން ޝަރީފު ވިދާޅުވީ ރާއްޖޭގައި މި އުޅެނީ ވެރިކަމުގެ ނިޒާމު ގޯސް ވެގެން ނޫން ކަމަށާއި މިއުޅެނީ ވެރިކަމާއި ދައުލަތް ހިންގަން ތިބި މީހުންގެ ނިޔަތާއި އަމަލު ގޯސްވެގެން ކަމަށެވެ.

އޭގެ އިތުރުން މިހާރުގެ މަޖިލިސް ހިންގަމުންދާ ގޮތުން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލިއަސް ދައުލަތް ހިންގަން ތިބި ބަޔަކު ބަދަލު ނުވާނެކަން އެނގިއްޖެކަމަށް ޝަރީފު ވިދާޅުވިއެވެ.

ރައީސް ސޯލިހަށް ފޮނުއްވި މެސެޖުގައި ނަޝީދު ހުށަހެޅުއްވަނީ، 2023 ގައި ރިޔާސީ އިންތިހާބު ނުބާއްވާ، 2022 ގައި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލު ކުރާށެވެ. އަދި ސަރުކާރު ވެސް އުވާލާށެވެ. އަދި މަޖިލީހުގެ މިހާރުގެ ދައުރު ނިމި މަޖިލިސް އުވާލަންދެން މަޖިލީހުން ގައުމު ހިންގާ ގޮތަށްވެސް ވަނީ ހުށަހަޅުއްވާފައެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުން ރައީސް ނަޝީދު ކުރެއްވި މެސެޖު ރައީސުލްޖުމްހުރިޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފި ކަމަށެވެ.

އެގޮތުން މިހާރު މި އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓުން އަމަލު ކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށް ވާތީ މިކަމަށް ބަދަލު ގެނެވޭނީވެސް އާންމު ރައްޔިތުންގެ ވޯޓުން ކަމަށް ރައީސް ސޯލިހު ދެކެވަޑައި ގަންނަވާ ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ.