ހަނގުރާމަ ދިގުލާ ގޮސްފައިވާ ސޫރިޔާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން، އަންނަ މެއި މަހު ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފިއެވެ.

ސޫރިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، ހަމޫދާ ސައްބާގު އިއުލާން ކުރެއްވި ގޮތުގައި، އެ ގައުމުގެ ރިޔާސީ އިންތިހާބު ވޯޓުލުން ކުރިއަށް ދާނީ، އަންނަ މެއި 26، 2021 ވަނަ ދުވަހުއެވެ.

ސައްބާގު ވިދާޅުވީ، ގައުމުން ބޭރުގައި ދިރިއުޅެމުން އަންނަ ސޫރިޔާގެ ރައްޔިތުންނަށްވެސް ވޯޓުގައި ބައިވެރިވެވޭނެ ކަމަށާ، އެ ރައްޔިތުން ވޯޓުލަނީ އެމްބަސީތަކުގައި ކަމަށެވެ.

މި އިންތިހާބު ވާނީ، ހަނގުރާމައިގެ ތެރެއަށް ސޫރިޔާ ވެއްޓުނު ފަހުން އެ ގައުމުގައި ކުރިއަށް ގެންދާ 2 ވަނަ އިންތިހާބަށެވެ.

މިއަދުން ފަށައިގެން ކެންޑިޑަސީ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާއިރު، ބެލެވޭ ގޮތުގައި، މިފަހަރުގެ އިންތިހާބުގައިވެސް ވެރިކަން ދަމަހައްޓަވާނީ، މިހާރުގެ ރައީސް ބައްޝަރު އަލް-އަސަދުއެވެ. ނަމަވެސް، އިންތިހާބުގައި ވާދަކުރައްވާނެ ކަން، އަސަދު އަދި ރަސްމީ ކޮށް އިއުލާން ކުރައްވާފައެއް ނުވެއެވެ.

އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަކީ، ފާއިތުވީ 10 އަހަރު ދުވަހު، މެދު ކެނޑުމެއްނެތި، ސޫރިޔާގައި ދިރިއުޅުނު ބަޔަކަށް ވާންޖެހެއެވެ. މިއާއެކު، ގައުމުން ބޭރުގައި އަމިއްލައަށް އަރުވާލެވިގެން ދިރިއުޅެމުން އަންނަ އިދިކޮޅު ސިޔާސީ ޝަހްސުންގެ ޝަރުތު ހަމަވާ ގޮތް ނުވީއެވެ. މީގެ އިތުރުން، ރިޔާސީ އިންތިހާބުގެ ކެންޑިޑަސީ ކާމިޔާބު ކުރެއްވުމަށްޓަކައި، ގާނޫނު ހަދާ މަޖިލީހުގެ 35 މެންބަރުންގެ ތާއީދު އެންމެ މަދުވެގެން ބޭނުންވެއެވެ. މަޖިލީސްވެސް ކޮންޓްރޯލް ކުރަނީ އަސަދުގެ ބާތު ޕާޓީއިންނެވެ.

ސޫރިޔާގެ ވެރިކަމާ އަސަދު ހަވާލުވެވަޑައިގަތީ 2000 ވަނަ އަހަރު، އޭނާގެ ބައްޕާފުޅު އަދި އޭރުގެ ރައީސް ހާފިޒު އަވަހާރުވުމާ ގުޅިގެންނެވެ. މީގެ ކުރިން ސޫރިޔާގައި ކުރިއަށް ގެންދިޔަ އިންތިހާބު އަސަދު ކާމިޔާބު ކުރެއްވީ، ސޫރިޔާގެ ހަނގުރާމަ، 3 ވަނަ އަހަރަކަށް ދިގުލައި ގޮސްފައި ވަނިކޮށެވެ.