ސަވާ ފޮ ޑިވަލޮޕްމަންޓް އެންޑް އެއިޑް ޖަމިއްޔާއިން ފާއިތުވީ 10 ވަރަކަށް އަހަރު ދުވަހުގެ ރޯދަމަސް ހޭދަ ކުރީ، ލުބްނާނުގެ އިރުމަތީ ބިކާ ވާދީގެ 4000 އެއްހާ އާއިލާއެއްގެ އިފްތާރަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތުގައެވެ.

ސަރުކާރު ހިއްސާ ނުވާ އަމިއްލަ ޖަމިއްޔާ (އެންޖީއޯ)އެއްގެ ގޮތުގައި ހިންގަމުން އަންނަ ސަވާ ފޮ ޑިވަލޮޕްމަންޓް އެންޑް އެއިޑް ޖަމިއްޔާއަށް މިއީ ތަފާތު އަހަރެކެވެ. މިއަދު އެ ޖަމިއްޔާގެ ބަދިގޭގެ މަސައްކަތް ހުއްޓޭނެ ވަގުތެއް ނާދެއެވެ. މިއަދު އެ ބަދިގެން، ސޫރިޔާ އަދި ލުބްނާނުގެ 7000 އެއްހާ ރެފިއުޖީ އާއިލާއަކަށް ކާބޯތަކެތި ހަމަޖައްސާ ދިނުމަށް ވަނީ މަޖުބޫރުވެފައެވެ.

ޖަމިއްޔާގެ ޕްރޮގްރާމްސް މެނޭޖަރުގެ މަގާމުގައި ހުންނެވި ދޯހާ އަދީ ވިދާޅުވީ، ބިކާ ވާދީއާ މާ ދުރު ހިސާބުތަކަށްވެސް ހޫނު ކަން މަތީ ކާބޯތަކެތި ފޯރުކޮށްދެމުން ދާ ކަމަށެވެ. އެގޮތުން ޓްރިޕޮލީ އަދި ވެރިރަށް ބެއިރޫތަށްވެސް ކާބޯތަކެތީގެ ޕާރުސަލުތައް ބަހަމުން ދާ ކަމަށާ، ފަހަރެއްގައިވެސް، އެ ޖަމިއްޔާގެ ހިޔަލުގެ ދަށަށް ބެއިރޫތު ގެންނަން ޖެހިދާނެ ކަމަށް އުއްމީދު ކޮށްފައި ނުވާނެ ކަމަށްވެސް ދޯހާ ވިދާޅުވިއެވެ.

ބަނޑުހައިހޫނުކަމުގައި ގިނަ އާއިލާތަކެއް ދިރިއުޅެމުންދާ ލުބްނާނުގައި ކާބޯތަކެތީގެ ޕާރުސަަލު ތައްޔާރު ކުރަނީ / ފައިލް ފޮޓޯ: ރަހުމާ ވޯލްޑްވައިޑް

ސަވާ ފޮ ޑިވަލޮޕްމަންޓް އެންޑް އެއިޑް ޖަމިއްޔާއަށް މިއަދު ކާބޯތަކެތި ހަދިޔާ ކުރަން ޖެހިފައި ވަނީ ހަމައެކަނި ރެފިއުޖީންނަކަށް ނޫންނެވެ. ބިކާ ވާދީގެ ސަރަހައްދީ ސަރުކާރުން ވަނީ، ލުބްނާނުން އެންމެ ނާޒުކު ކަމަށް ފާހަގަ ކުރެވުނު ގޭ ބިސީތަކެއް ފާހަގަ ކޮށް، އެ ގެތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށްވެސް ސަވާ ފޮ ޑިވަލޮޕްމަންޓް އެންޑް އެއިޑް ޖަމިއްޔާއާ ހަވާލު ކޮށްފައެވެ.

ފާއިތުވީ 2 އަހަރެއްހާ ދުވަހަކީ ލުބްނާނު ދުށް ހަލަބޮލި އަހަރުތަކެކެވެ. މިދިޔަ 18 ވަރަކަށް މަސްދުވަހުގެ ތެރޭގައި، ލުބްނާނުގެ އާބާދީގެ 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ މީހުން، އިންތިހާ ފަގީރުކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ. މި ތަކުލީފުގެ މައްޗަށް، ކާބޯތަކެތީގެ އަގުތައް އުފުލިގެން ދިޔައީ އަތް ނުފޯރާހާ މައްޗަށެވެ. އެންމެ އާދައިގެ ކާބޯތަކެތީގެ އަގުތައްވެސްމެއެވެ.

ލުބްނާނުގެ އާއިލާއަކުން ކެއުމަކަށް އިންސާފު ކުރަނީ / ފައިލް ފޮޓޯ: ޓެލެގްރާފް

ލުބްނާނަކީ އެ ގައުމަށް ބޭނުންވާ ގިނަ އަދަދެއްގެ މުދާ، އިމްޕޯޓް ކުރާ ގައުމެކެވެ. ކާބޯތަކެއްޗަކީވެސް އިމްޕޯޓް ކުރާ ތަކެއްޗަށް ވާއިރު، ދުނިޔޭގެ ނިސްބަތުން ކާބޯތަކެތީގެ އަގުތައް އެންމެ ބޮޑަށް އުފުލިފައިވާ ގައުމަކީވެސް ލުބްނާނު ކަމަށް އދއިން ބުނެއެވެ. ލުބްނާނުގައި ކާބޯތަކެތީގެ އަގުތައް، 400 ޕަސެންޓަށް ވުރެ މައްޗަށް ވަނީ އުފުލިފައެވެ.

ލުބްނާނުގައި، ސޫރިޔާއަށް ނިސްބަތްވާ 1.5 މިލިއަނެއްހާ ރެފިއުޖީން ދިރިއުޅެމުން ދާއިރު އެމީހުންގެ ސުފުރާ މަތިން ލިބެން ހުންނަ ކާބޯތަކެއްޗަކީ، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކުގެ މުއްސަނދިކަމެއް ނެތް ކާބޯތަކެއްޗެވެ. އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރޫތު (އޭޔޫބީ)ގެ ޕްރޮފެސާ އޮފް ޕޮލިސީ އެންޑް ޕްލޭނިންގް، ނާސިރު ޔާސީން ވިދާޅުވާ ގޮތުގައި، ލުބްނާނުގެ އާއިލާތައްވެސް މި ހާލަތަށް ވެއްޓެނީއެވެ.

ލުބްނާނުގައި ދިރިއުޅެމުން އަންނަ ސޫރިޔާގެ ރެފިއުޖީއެއް / ފައިލް ފޮޓޯ: އެމްއީއައި

"3 އިރު ކެއުމުގެ ބަދަލުގައި، އާއިލާތަކުން ކާނީ 2 ފަހަރު. ގިނަ ފަހަރަށް ހިޔާރު ކުރާނީ އެންމެ އަގުހެޔޮ ބާވަތްތައް. އެހެންވެ، ކާބޯހައިޑްރޭޓްސްގެ ބައި ގިނަވެ، އެއްގަމު މަހާ ޕްރޮޓީންގްސްގެ ބައި މަދުވާނެ" ޕްރޮފެސާ ޔާސީން ވިދާޅުވިއެވެ.

ހިނގަމުންދާ ރަމަޟާން މަހު، ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަވާ ފޮ ޑިވަލޮޕްމަންޓް އެންޑް އެއިޑް ޖަމިއްޔާއިން މިހާރު ވަނީ ޑޯނޭޝަންގެ ގޮތުގައި 12000 ޑޮލަރު ކަށަވަރު ކޮށްފައެވެ. ނަމަވެސް ކާބޯތަކެތީގެ އަގުތައް އަތް ނުފޯރާ ފަށަށް އެރުމުގެ ވޭން، އެ ޖަމިއްޔާއަށްވެސް ވަނީ ކުރިމަތިވެފައެވެ.

އާއިލާއަކަށް 1 މަސްދުވަހަށް ބޭނުންވާ ކާބޯތަކެތީގެ ޕާރުސަލެއް ތައްޔާރު ކުރުމަށް މީގެ ކުރިން ބޭނުންވީ 100000 ލެބަނީޒް ޕައުންޑް (66 ޑޮލަރު) އެވެ. ނަމަވެސް، މިހާރު އެއަށް ލިބޭނެ މާ ބޮޑު އެއްޗެއް ލުބްނާނުގެ ބާޒާރަކު ނެތެވެ. ކައްކާ ތެޔޮ ފުޅިއެއް ފަހަރެއްގައި ލިބިދާނެއެވެ.

ސަވާ ފޮ ޑިވަލޮޕްމަންޓް އެންޑް އެއިޑް ޖަމިއްޔާއިން ކުރިން ފޯރުކޮށްދެމުން ދިޔަ ފަދަ އެހީގެ ޕާރުސަލެއް ތައްޔާރު ކުރުމަށް މިހާރު 6 ގުނަ އިތުރަށް ހަރަދު ކުރަން ޖެހެއެވެ.

ލުބްނާނުގައި ހިންގާ މަދު ފިހާރަތަކުގައިވެސް މުދާ ނުލިބިގެން ހަމަނުޖެހުން ހިންގާ / ފައިލް ފޮޓޯ: ސީޖީޓީއެން

ގޭގެއަށް ވަކިވަކިން ވަދެ ބަލާލި ކަމުގައި ވީ ނަމަވެސް ރައްޔިތުން "ބަނޑަށް ޖެހިފައިވާ" މިންވަރު ހާމަވެއެވެ. ދޯހާ ވިދާޅުވާ ގޮތުގައި، ގެއަކަށް ވަދެ، އެ ގެއެއްގެ ފްރިޖް ނުވަތަ ގުދަން ނުވަތަ ފުއްޑަނު ކަބަޑު ބެލި ކަމުގައި ވީ ނަމަވެސް ކާބޯތަކެއްޗެއް ނުފެންނާނެއެވެ.

ލުބްނާނުގައި މިހާރު އޮޕަރޭޓް ކުރާ މަދު ފިހާރަތަކުގައިވެސް ހަމަޖެހުމެއް ނެތެވެ. ސަޕްލައި ދަށްވެފައި ވާއިރު، ލިބެން ހުރި މަދު އެތިކޮޅާ ކަސްޓަމަރުން ތަޅާފޮޅުން ނޫން ކަމެއް ނެތެވެ. ފައިސާ ވެރިން މުދާ ފޮރުވިޔަ ނުދިނުމަށްޓަކައި، ލުބްނާނުގައި ފިހާރަ ހިންގާ މީހުން ވަނީ، ކަސްޓަމަރުންނަށް ކާބޯތަކެތި ވިއްކާ މިންވަރު ކޮންޓްރޯލްވެސް ކޮށްފައެވެ. ބައެއް ހާލަތްތަކުގައި، ސަލާމަތީ ބާރުތަކުންވެސް މައްސަލައިގެ ތެރެއަށް ވަންނަން ޖެހެއެވެ.

ވޯލްޑް ފުޑް ޕްރޮގްރާމްގެ ތަރުޖަމާނު، ރަޝާ އަބޫ ދަރުގަމް ވިދާޅުވީ، ޒަރޫރީ މިންވަރަށް ކާބޯތަކެތީގެ ކަށަވަރުކަން ނެތް ލުބްނާނުގެ ރައްޔިތުންގެ އަދަދު އިތުރު ވަމުން އަންނަ ކަމަށެވެ. ދަރުގަމް ވިދާޅުވީ، ލުބްނާނަށް ނިސްބަތްވާ 22 ޕަސެންޓް ރައްޔިތުންނާ، ސޫރިޔާއަށް ނިސްބަތްވާ 50 ޕަސެންޓް ރެފިއުޖީންނާ، އެހެން ގައުމުތަކަށް ނިސްބަތްވާ 33 ޕަސެންޓް ރެފިއުޖީންނަށް، މިވަގުތު ކާބޯތަކެތީގެ ސަލާމަތްތެރިކަމެއް ނެތެވެ.

ލުބްނާނުގެ ބާޒާރުތަކުގައި ކާބޯތަކެތީގެ އަގުތައް އަތް ނުފޯރާ ފަށަށް އަރަމުން ދާ މައްސަލަ ހައްލު ކުރުމަށް އެގައުމުގެ ސަރުކާރުން ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރެއެވެ. ސީދާ ފިހާރަތަކަށް އިންސްޕެކްޓަރުން ފޮނުވައިގެން މަސައްކަތް ކުރެއެވެ. ނަމަވެސް އެކަށީގެންވާ އަދަދަށް އިންސްޕެކްޓަރުން ނެތުމުން އެންމެ އެދެވޭ ގޮތެއްގައި މިކަންވެސް އޮންނަނީ ނުކުރެވިފައެވެ.

ލުބްނާނުގެ މަގެއްގެ މަތިން މީހަކު ހިނގާފައި ދަނީ / ފައިލް ފޮޓޯ: ޑެކަން ހެރާލްޑް

ލުބްނާނުގެ ސަރުކާރުގެ އިސް މަގާމުތަކުގައިވެސް ހަމަޖެހުމެއް ނެތް އިރު، މިއަދު އެ ގައުމަށް ކުރިމަތިލާން ޖެހިފައިވާ ބަނޑުހައިހޫނު ކަމުގެ ނާމާން އަނދިރިކަމުން، އަލިކަމަކަށް ދެވޭނެ ދުވަހެއް އަދި އެއްވެސް މީހަކަށް ލަފާ ކުރަންވެސް ނޭނގެއެވެ. ކޮރަޕްޝަންވެސް އޭގެ އެންމެ އިންތިހާއަށް އޮތް ލުބްނާނަށް މިއީ މާ ފަސޭހަ ކަމަކަށް ނުވާނެއެވެ.

ކަން މިހެން އޮތް ނަމަވެސް، ސަވާ ފޮ ޑިވަލޮޕްމަންޓް އެންޑް އެއިޑް ޖަމިއްޔާއިން ދަނީ، ލުބްނާނަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ތަކުލީފުތަކުގެ ކުރިން އެ ގައުމުގެ އިފްތާރު ސުފުރާ މަތިން ފެނުނު މަންޒަރުތައް ނަކަލުކޮށް، އެ ހަންދާންތައް އާއިލާތަކަށް އާ ކޮށްދިނުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުންނެވެ. ނަމަވެސް، މި ރޯދަމަހަކީ މުޅި ލުބްނާނަށްވެސް ހިތްދަތި ރޯދަމަހެކެވެ.