ދިރާގު ޓީވީގެ ފަރާތުން ކަސްޓަމަރުންނަށް ރޯދަ ހަދިޔާއެއްގެ ގޮތުން ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް އިތުރު އެއްވެސް ހަރަދަކާ ނުލާ ބަލާލެވޭނެ ގޮތް ހަމަ ޖައްސާ، ގޯލްޑް ޕެކޭޖްގެ ކަސްޓަމަރުންނަށް 150 ރުފިޔާގެ ޑިސްކައުންޓެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ މި ދުވަސްވަރަކީ ދިރާގު ޓީވީއަށް ގުޅާލުމަށް ރަނުގެ ފުރުސަތެއް ހުޅުވާލާފައިވާ ދަނޑިވަޅެއް ކަމަށެވެ. އެގޮތުން މިހާރު ކުރިއަށް ދަމުންދާ ހާއްސަ ޕޮރޮމޯޝަނެއްގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ގުޅާދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑާ) މުޅިން ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މޭ 31، 2021 ގެ ނިޔަލަށް ކަމަށް ދިރާގުން ބުނެއެވެ.

އޭގެ އިތުރުން، އެ ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ހާއްސަ ލަކީޑްރޯއެއްގައި ބައިވެރިވެވޭނެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށް ދިރާގުން ބުނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ދިރާގު ޓީވީ ކަނެކްޝަން އަކަށް އެޕްލައި ކޮށްގެން 20 ނަސީބުވެރި ކަސްޓަމަރުންނަށް 6 މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބަލާލެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ބުނީ ދިރާގު ޓީވީގެ ޒަރިއްޔާއިން ބެލުންތެރިންނަށް އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެ ކަމަށެވެ.

އެގޮތުން ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސޮނީގެ ސްޕޯޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައިފުޑް ނެޓްވޯކް، ސްޓާ ގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ގްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނޭ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ރާއްޖޭގެ 77 ޕަސަންޓް ގޭބިސީއަށް ދިރާގުޓީވީގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ.