އިންޓަނެޓްގެ އަގު ހެޔޮ ކުރަން ހަލުވި ސްޕީޑުގައި އޭނާ މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެއީ މި ސަރުކާރުގެ ނިޔަތެއް ނޫން ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް ވިދާޅުވީ، އޭނާ ވަޒީރު ކަމުގައި ހުންނެވި އިރު އިންޓަނެޓް އަގު ހެޔޮ ކުރުމުގެ ހުރިހާ ކަމެއް ބާރު ދުވެލީގައި ނިންމާފައި ވާނެ ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް އައިތާ 6 މަސް ވީ އިރު، ޖޫން 19، 2019 ގައި އެކަމާ ބެހޭ ކަރުދާސް ރައީސް އޮފީހަށް ފޮނުވާފައި ވާނެ ކަމަށް މަލީހް ވިދާޅުވިއެވެ. ހަމައެއާއެކު އިންޓަނެޓް އަގު ހެޔޮ ކުރުމަށް ރާއްޖޭގައި އިންޓަނެޓް ހިދުމަތް ދެމުންދާ އޮަޕަރޭޓަރުން ވެސް އެއްބަސް ކުރުވާފައި ވާނެ ކަމަށް މަލީހް ވިދާޅުވިއެވެ.

ނަމަވެސް އެކަން މި ސަރުކާރަށް ނުކުރެވުނު ކަމަށާއި އިންޓަނެޓް އަގު ހެޔޮ ކުރުމުގެ ނިޔަތެއް މިސަރުކާރަކު ނެތް ކަމަށް މަލީހް ވިދާޅުވިއެވެ. އަދި އިންޓަނެޓް އަގު ހެޔޮ ނުކުރީ ކޮމިއުނިކޭޝަން ވަޒީރަކަށް އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅަކު ނެތުމުން ކަމަށް މަލީހް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން މިނިސްޓަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީ (ޖޭޕީ) ނިސްބަތްވެ ވަޑައިގަންނަވާ އަދި އެ ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަން ހޯއްދެވި މަލީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަަގައި އޭނާ މާގަމުން ވަކި ކުރުމާ ހަނައަށްވެސް މި ޒާތުގެ ވާހަކައެއް ދައްކަވާފައި ނުވެއެވެ. އޭރު މުޅިންވެސް ވިދާޅުވަމުން ގެންދެވީ ވަރަށް އަވަހަށް ހެޔޮ ވާނެ ވާހަކަ ތަކެވެ.

މަލީހު މަގާމުން ވަކިކޮށްފައި ވަނީ މި ދިޔަ މާޗް މަހުގެ އެއްވަން ދުވަހެވެ. އެގޮތަށް ނިންމީ ކޮމިއުނިކޭޝަން އިންޑަސްޓްރީ ރެގިއުލޭޓް ކުރަން ކޮމިނިއުކޭޝަން އޮތޯރިޓީ (ކޭމް) އިން ހަދަން ޖެހޭ ގަވާއިދުތައް ހަދައިފައި ނެތުމާއި އިންޓަނެޓް އަގު ބޮޑުވުމުން އެކަމަށް ހައްލު ހޯދައިދެވިފައި ނުވުން ފަދަ މައްސަލަތަކެއް ފެންމަތިވުމުންނެވެ.

މަލީހް މަގާމުން ވަކިކުރުމަށް ފަހު މި ރޯދަ މަސް ފެށިގެން އައި އިރު މި ވަނީ އިންޓަނެޓް އަގު ހެޔޮ ވެއްޖެ ކަމުގެ އަޑުތައް ފެތުރިފައެވެ. އެގޮތުން އިންޓަނެޓްގެ އަގު މިހާރު ހުރީ ރައްޔިތުންގެ އަތް ފޯރާފަށުގައި ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. އަލީ ސޯލިހް ވިދާޅުވީ، ރާއްޖޭގައި އިންޓަނެޓްގެ އަގުތައް ހުރީ އެހެން ގައުމުތަކާ އަޅާ ބަލާއިރު ހެޔޮކޮށް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ފަސް ރުފިޔާ އަށް ޖީބީއެއް ލިބެން އެބަހުރި ކަމަށެވެ.

އަލީ ސޯލިހް މިހެން ވިދާޅުވެފައި ވަނީ މިހާރު އިންޓަނެޓް ހިދުމަތް ދޭ އޮޕަރޭޓަރުން ކުރިން އެ ހިދުމަތް ދިން އަގުތަކަށް ވުރެ އަގު ހެޔިކޮށްފައިވާ ކަމަށް އިޝާރާތް ކުރައްވަމުންނެވެ. އެ ގޮތުން ކުރިން 1000 ރުފިޔާއަށް 30 ޖީބީ ދީފައިވާ އިރު މިހާރު 1000 ރުފިޔާއަށް 180 ޖީބީ ދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޓަނެޓްގެ އަގާ ބެހޭގޮތުން އަލީ ސޯލިހް ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ. އެ ކަމާ ގުޅީގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ އިންޓަނެޓް އަގު ހެޔޮ ކޮށްފައި ވަނީ ސަރުކާރުން ނޫން ކަމަށް ވިދާޅުވެފައެވެ. މިހާރު އަގަށް އައިސްފައި ހުރި ބަދަލުތަކަކީ އަދި ވަރަށް ކުޑަ ބަދަލެއް ކަމަށް ވިދާޅުވަމުން ފައްޔާޒް ވަނީ އިންޓަނެޓް މައްސަލައަށް އޮތް ހައްލަކީ، "ފެއާ ޔޫސޭޖް ޕޮލިސީ" އަށް ރަނގަޅު ބަދަލުތަކެއް ގެނައުން ކަމަށް ފާހަގަ ކުރައްވާފައެވެ. އަދި އެކަމަށް މަސައްކަތް ކުރަމުން ދާއިރު، ރެގިއުލޭޓަރީ ބަދަލުތަކެއް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.