ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރިތާ ދެ ހަފްތާ ވެފައިވާ ޓޫރިސްޓުންނަށް ޕީސީއާރް ނެގެޓިވް ނަތީޖާ ނެތި ރާއްޖެ އާދެވޭނެ ގޮތް ހަމަޖައްސަފިއެވެ.
އިމިގްރޭޝަނުން ބުނީ ފަަތުރުވެރީން ހިމެނޭގޮތަށް، ރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާނަމަ، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރު ޓެސްޓް އޮންނަން ނުޖެހޭނެ ކަމަށާއި އަދި ކަރަންޓީނުވާން ވެސް ނުޖެހޭނެ ކަމަށެވެ. އަދި މިގޮތަށް އަމަލުކުރަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ނަމަވެސް ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތަކާއި ޑޭކެއާ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތައް އަދި ރެސިޑެންޝަލް ކެއާގެ ހިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތަކުން ރާއްޖެއަށް އެތެރެވާއިރު ނެގެޓިވް ޕީސީއާރު ނަތީޖާ އޮންނަންވާނެ ކަމަށާއި ނުވަތަ ރާއްޖެ އެތެރެވުމަށްފަހު ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމު ކުރި މައުލޫމާތުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް، ރާއްޖެއަށް 345،261 ފަތުރުވެރިން ވަނީ ޒިޔާރަކޮށްފައެވެ. އަދި މި މަހުގެ މިހާތަނަށް ވަނީ 46،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ކޮވިޑް-19އަށް ޖަހަމުންދާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެން ކަރަންޓީނުނުވެ ދަތުރުކުރެވޭގޮތުގެ އުސޫލު އެޗްޕީއޭ އިން އާންމު ކޮށްފައިވާއިރު އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑްގެ ވެކްސިންގެ ދެ ޑޯޒް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އާބާދީގެ 60 ޕަސެންޓް މީހުންނަށް ވެކްސިން ފުރިހަމަކޮށްފައި ނުވާ ރަށްރަށަށް، ވެކްސިންގެ ދެ ޑޯޒް ޖެހުމަށްފަހު ދެ ހަފުތާވެފައިވާ ފަރާތްތަކަށް ކަރަންޓީނުވުމަކާ ނުލައި މިހާރު ދަތުރު ކުރެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.