އިންޑިއާ ކަނޑުގެ ސުލްހައާ، ކުރިއެރުމާ ހަމަޖެހުމަކީ، ދިވެހިރާއްޖެ ކުރިއަރާ ދިއުމަށްޓަކައި އިންތިހާއަށް ބޭނުންވާ ކަމެއް ކަމަށް، އިންޑިއާއަށް މިހާރު ވަޑައިގެން އުޅުއްވާ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ދިއްލީއަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި، އިންޑިއާގެ ދުވަހު ނޫހެއް ކަމަށްވާ ވިއޯންއަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ޝާހިދު ވަނީ، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ސުލްހަ ދެމި އޮންނާނެ ކަން ކަށަވަރު ކުރުމަށް، ދިވެހިރާއްޖޭގެ ހުރިހާ އަވަށްޓެރިންނާއެކު ދިވެހިރާއްޖެއިން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

މި ދަނޑިވަޅަކީ، އިންޑިއާ ކަނޑުގެ ސަރަހައްދަށް ކުރިމަތިވެފައިވާ ޓެރަރިޒަމާ ކަނޑު ފޭރުމުގެ ޖަރީމާ ފަދަ ގޮންޖެހުންތަކާ ކުރިމަތިލުމަށް ދިވެހިރާއްޖެއާއި އިންޑިއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ދަނޑިވަޅެކެވެ. ދިވެހިރާއްޖެއާއި އިންޑިއާއެކު ސްރީލަންކާއިންވެސް ވަނީ މިކަމަށް އަމާޒު ހިފާފައެވެ.

ޝާހިދު ވަނީ "މައިތުރީ"ގެ ނަމުގައި އިންޑިއާއިން މިހާރު ކުރިއަށް ގެންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ވެކްސިން ކެމްޕޭނަށް ތައުރީފު ކުރައްވާފައެވެ. މި މޭރުމުން ޝާހިދު ވަނީ، އިންޑިއާގެ ފަރާތުން ދިވެހިރާއްޖެއަށް ފޯރުކޮށްދިން ވެކްސިންގެ ދީލަތި އެހީތަކަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުން ސިފަކުރައްވަމުން ޝާހިދު މިސާލު ޖެއްސެވީ އުދުހެމުންދާ ދޫންޏެއްގެ މިސާލުންނެވެ. ދޫންޏެއް އުދުހެމުން ދަނީ ދެފިޔަގަނޑުވެސް އެއް ރޫހެއްގައި ފިޔަ ޖަހަމުންދާތީ ކަމަށާ، އެއް ފިޔަގަނޑުގެ މަސައްކަތް ހުއްޓާލި ނަމަވެސް ދޫންޏަށް ނުއުދުހެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުމަކީވެސް މިފަދަ ގުޅުމެއް ކަމަށާ، ދެ ގައުމު އެކުގައި ފިޔަ ޖަހަމުން އެކުގައި އާ އުސް މިންތަކަކަށް ދަތުރު ކުރަނީ ކަމަށް ޝާހިދު ވަނީ ސިފަކުރައްވާފައެވެ.

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރަހައްދީ ބައިވެރިންގެ ގުޅުންތައް އޮތް ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޝާހިދު ވަނީ، ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގެ "ހިތް" ކަމުގައި ސިފަ ކުރައްވާފައެވެ. ޒަމާނުއްސުރެ ދިވެހިރާއްޖެ އޮންނަނީ ދަތުރުފަތުރުގެ މައި މަގުގައި ކަން ފާހަގަ ކުރައްވަމުން ޝާހިދު ވިދާޅުވީ، އިންޑިއާ ކަނޑުގެ ސުލްހައާ، ކުރިއެރުމާ ހަމަޖެހުމަކީ، ދިވެހިރާއްޖެ ކުރިއަރާ ދިއުމަށްޓަކައި އިންތިހާއަށް ބޭނުންވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ހަމަޖެހުމަކީ އިންޑިއާ ކަނޑުގެ ކުރިއެރުމަށް މުހިންމު ކަމެއް ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އެއް ދުވަހުގެ މުއްދަތަށް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ހާރިޖީ ގިނަ މަންދޫބުންނާވެސް ޝާހިދު ވަނީ ބައްދަލު ކުރައްވާފައެވެ.