ދުނިޔޭގެ އެންމެ ވަރުގަދަ ބާރުތަކުގެ ތެރޭގައި ގުނާލެވޭ ރަޝިއާއާ ދެކޮޅަށް، އެމެރިކާއިން އިގުތިސޯދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާ، އެމެރިކާގައި ތިއްބެވި ރަޝިއާގެ 10 ޑިޕްލޮމެޓަކު އެ ގައުމުން ބާލައިފިއެވެ.

އެމެރިކާގެ މި ފިޔަވަޅުތަކަކީ، އެ ގައުމުގެ ރިޔާސީ އިންތިހާބަށް ރަޝިއާއިން ނުފޫޒު ފޯރުވުމުގެ އިތުރުން، އެމެރިކާއަށް އަމާޒުކޮށްގެން ދިން ވަރުގަދަ ސައިބާ ހަމަލާއެއްގެ ރައްދުގައި އެޅި ފިޔަވަޅުތަކެއް ކަމަށް ހަބަރު ލިބެއެވެ.

ވައިޓްހައުސްއިން ބުނީ، ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ރައީސް ޖޯ ބައިޑަން ނެރުއްވި ރިޔާސީ ގަރާރަކީ، ބައިނަލްއަގުވާމީ ފެންވަރުގައި ރަޝިއާއިން ހިންގަމުންދާ ހަމަޖެހުން ނަގާލުމުގެ ޖަރީމާތައް ވަރުގަދަ ކުރަމުން ދަނީ ނަމަ، އިސްތިރާޖީ ގޮތުންނާއި އިގުތިސޯދީ ގޮތުން އަސަރު ކުރަނިވި ފިޔަވަޅުތަކެއް އެމެރިކާއިން ތަންފީޒު ކުރާނެ ކަމުގެ ސިގުނަލެއް ކަމަށެވެ.

ރަޝިޔާގެ ރައީސް ވްލޭޑްމިއާ ޕޫޓިން/ފޮޓޯ: ރޮއިޓާޒް

ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާއިން ނިންމި ނިންމުމަށް، ނޭޓޯގެ ބައިވެރިން ވަނީ ތާއީދު ކޮށްފައެވެ.

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއެކު ރަޝިއާގެ ހާރިޖިއްޔާއިން ބުނީ، ރައްދުގައި ފިޔަވަޅުތަކެއް ނާޅާ ދިއުމަކީ، ނުވެ ނުދާނެ ކަމެއް ކަމަށެވެ. މިއާއެކު ރަޝިއާއިން ވަނީ، މޮސްކޯގައި ހުންނަވާ އެމެރިކާގެ ސަފީރާއެކު، "ހަރުކަށި މަޝްވަރާތަކެއް" ކުރިއަށް ގެންދަވާފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ރަޝިއާގެ ހާރިޖިއްޔާއިން ބުނީ، އެ ގައުމާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ، ގުޅުންތައް އާންމު ކުރުމަށް ބައިޑަން ގެންގުޅުއްވި ރައުޔާ ހިލާފު ކަމެއް ކަމަށެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަހަރޯވާ ވިދާޅުވީ، އެމެރިކާގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިލުމެއްގެ މަސްރަހު ހޫނުވެފައި ވާއިރު، ދޭދޭ ގުޅުންތަކަށް އެމެރިކާއިން ދިން ގެއްލުމުގެ އަގު، އެ ގައުމުން އަދާ ކުރަން ޖެހޭނެ ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން / ފޮޓޯ: އޮންޓަޕްރެނާ

އެމެރިކާގެ އާ ރައީސް ޖޯ ބައިޑަންއާއި ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއާ ދެމެދު، ބަހުގެ ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރެއްވި މަންޒަރު، ހުސްވި މާޗް މަހުގެ ތެރޭގައި ވަނީ ފެނިގެންގޮސްފައެވެ. ޕޫޓިންއަކީ ގާތިލެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ބައިޑަން ވިދާޅުވެފައި ވާއިރު، އެ ކަމަށް ރައްދު ދެއްވަމުން ޕޫޓިން ވަނީ، "ގާތިލަކު އެނގޭނީ ހަމަ ގާތިލަކަށް" ކަމަށް ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހު އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބަށް، ރަޝިއާގެ ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް އެމެރިކާގެ ޖާސޫސީ ކޮމިއުނިޓީއިން ބުނީވެސް މާޗް މަހުގެ ތެރޭގައެވެ. ޖާސޫސީ ކޮމިއުނިޓީއިން އާންމު ކުރި ރިޕޯޓް ބުނާ ގޮތުގައި ރަޝިއާއިން ވަނީ ޖޯ ބައިޑަންގެ ކެމްޕޭނަށް ހުރަސް އަޅާ، ޑޮނާލްޑް ޓްރަމްޕްގެ ޝަހްސު ދަމަހައްޓަން މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން ހަގީގަތް އޮޅޭ ފަދަ މައުލޫމާތު ފެތުރުމުގެ މަސައްކަތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔަ ކަމަށާ، ޓްރަމްޕަށް ބައިއަތު ހިފާފައިވާ ފަރާތްތަކުން އެކަމަށް ތާއީދު ކުރި ކަމަށްވެސް މި ރިޕޯޓް ބުނެއެވެ.