ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކޮވިޑް-19 އަށް ވެކްސިން ޖެހުމަށް މާލެ ގެނައުމުން ވެކްސިން ޖައްސަވަން ދެކޮޅު ހައްދަވާފައި ވާ ކަމަށް ބުނެ ދެކެވެމުން ދާ ވާހަކަތައް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ދޮގު ކޮށްފިއެވެ.
ވަކީލުންގެ ޓީމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރައީސް ޔާމީން ވެކްސިން ޖައްސަވަން އެދިވަޑައި ގެންނެވުމުން މާލެ ގެންނައި ކަމަށެވެ. ނަމަވެސް ޓްރާންސްޕޯޓް ހަމަ ނުޖެހޭ ކަމަށް ބުނެ ކަރެކްޝަންގެ ލޯންޗު މާލޭ އުތުރު ފަރާތު 1 ނަންބަރު ޖެޓީ ސަރަހައްދު ބޭރުގައި އެތައްއިރެއް ވަންދެން ދުއްވާލަ، ދުއްވާލާ އޮތުމަށް ފަހު މާލެ ޖަލު ކަރީގައި ވެސް އެތައް އިރަކު މަޑު ކޮށްގެން އޮތް ކަމަށެވެ.
ރައީސް ޔާމީން އަނބުރާ މާފުށީ ޖަލަށް ގެންދިޔައީ ޓްރާންސްޕޯޓް ހަމަ ނުޖެހޭ ކަމަށް ބުނެ، މާލެއަށް ބޭލުމަކާ ނުލާ ކަމަށް ވެސް ވަކީލުންގެ ޓީމުން ބުނެއެވެ. އަދި އެމަނިކުފާނު ވެކްސިން ޖެހުމަށް އިންކާރު ނުކުރައްވާ ކަމަށާއި، އެގޮތަށް ކަން ހިނގާފައި ވަނީ ވެކްސިން ޖެހުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމުތައް ކަރެކްޝަނުން ހަމަޖައްސާފައި ނުވާތީ ކަމަށް ވަކީލުން ބުނެއެވެ.
ވަކީލުންގެ ޓީމުން އިތުރަށް ބުނީ، ކަރެކްޝަނުން ރައީސް ޔާމީނަށް އިހުމާލު ވެފައި ވާ ކަމަށެވެ. އަދި ވެކްސިން ނުޖައްސަވާ އެނބުރި ވަޑައިގަތީ ވެކްސިން ޖައްސަވަން އިންކާރު ކުރެއްވީތީ ކަމަށް ބުނެ ކަރެކްޝަނުން ނޫސްތަކަށް މައުލޫމާތު ދިނީ އެމަނިކުފާނު ބަދުނާމުކޮށް، އަގުވައްޓާލުމަށްޓަކައި ކަމަށެވެ.
ވަކީލުންގެ ޓީމުން މިހެން ބުނެފައި ވާއިރު، "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ތަރުޖަމާނު އަހްމަދު ނަސީމް ވަނީ ވެކްސިން ޖެހުމަށް ރައީސް ޔާމީން ރޭ 09:45 ހާއިރު މާލެ ގެނެސްފައި ވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރައީސް ޔާމީން ވެކްސިން ޖެއްސެވުމަށް ދެކޮޅު ހެއްދެވުމުން އަނބުރާ މާފުށި ޖަހަށް ގެންގޮސްފައި ވާ ކަމަށް ނަސީމް ވިދާޅުވެފައި ވެއެވެ.