މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ހަތަރު ވަނަ މެޗުގެ ދެވަނަ ލެގްގައި ރޭ އިނގިރޭސި ޗެމްޕިއަންސް ލިވަޕޫލާއި ސްޕެއިންގެ ރިއާލް މެޑްރިޑް ވާދަ ކުރި މެޗު 0-0 އަކުން އެއްވަރުވެ ރިއާލް ސެމީއަށް ދަތުރުކޮށްފިއެވެ.
ރޭގެ މެޗު އެއްވަރުވި ނަމަވެސް ރިއާލް ސެމީއަށް ދިޔައީ މިދިޔަ ހަފްތާގައި އެޓީމުގެ ދަނޑުގައި ކުޅުނު މިޓައިގެ ފުރަތަމަ ލެގް 3-1 އަކުން ކާމިޔާބުކޮށްގެންނެވެ.
ރޭގެ މެޗުން 2-0 ގެ ނަތީޖާއަކުން ވެސް ލިވަޕޫލަށް މުބާރާތުގައި ކުރިއަށް ދެވުނީސް އިރު މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް އެޓީމަށް ލިބުނެވެ. މިގޮތުން، މެޗުގެ 2 ވަނަ މިނެޓްގައި ޓީމުގެ ތަޖުރިބާކާރު ފޯވަޑް މުހައްމަދު ސަލާހަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. ސަލާހްގެ އިތުރުން ސާޑީއޯ މާނޭ، ރޮބާޓޯ ފަމީނޯ، ޖިނީ ވަނައިލްޑަމްގެ އިތުރުން ފަހު ހާފްގައި ކުޅެން ނިކުތް ޑިއާގޯ ޖޮޓާއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗުގައި ރިއާލްގެ ފަރާތުން ފެނުނީ ޑިފެންސިވް މޮޅު ކުޅުމެކެވެ. ޓީމުގެ ކެޕްޓަން އަދި ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސްއާ ނުލާ މިފަދަ ކުޅުމެއް ޓީމުން ދެއްކުންވީ ގިނަ ބައެއްގެ ތައުރީފު ކޯޗު ޒައިނުއްދީން ޒިދާންއާ އޭނާގެ ކުޅުންތެރިއަށް ލިބުނު ކަމަކަށެވެ.
ސެމީގައި ރިއާލްއިން ވާދަ ކުރަން ޖެހޭނީ އިނގިރޭސި ޓީމު ޗެލްސީއާއެވެ. ޗެލްސީ ސެމީއަށް ދިޔައީ ޕޯޗުގަލްގެ ޕޯޓޯ ކުއާޓާ ފައިނަލްގައި ބަލިކުރުމަށް ފަހުއެވެ.