ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުވިލާތުގެ ބޮރޫޝިޔާ ޑޯޓްމަންޑް 2-1 އަކުން ބަލިކޮށް އިނގިރޭސި ޓީމު މެންޗެސްޓާ ސިޓީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. މިއީ ސިޓީގެ ތާރީހުގައި ވެސް މިމުބާރާތުގެ ސެމީއަށް އެޓީމުން ދިޔަ ދެވަނަ ފަހަރެވެ.
ރޭ ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލް މެޗުގެ ދެވަނަ ލެގުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ ޑޯޓްމަންޑުންނެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ 15 ވަނަ މިނެޓްގައި 17 އަހަރުގެ ފޯވަޑް ޖޫޑް ބެލިންގްހެމްއެވެ. އޭނާ ވަނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ.
ދެޓީމުގެ ދެމެދު މިދިޔަ ހަފްތާގައި ކުޅުނު މެޗުން 2-1 އަކުން ޑޯޓްމަންޑް ބަލިވިނަމަވެސް ސިޓީގެ ދަނޑުގައި އެޓީމުން އެރޭ ޖެހި ލަނޑުގެ ސަބަބުން 0-1 ގެ ސްކޯއަކުން އެޓީމަށް ސެމީއަށް ދެވުނީސްއެވެ.
އެހެން ނަމަވެސް އޭނގެ ކުރިން ސިޓީން ވަނީ ވަރުގަދަ ކުޅުމެއް ދައްކާ މެޗުގެ ނަތީޖާ އެޓީމުގެ ކޮޅަށް އަނބުރާލާފައެވެ. މިގޮތުން، ޑޯޓްމަންޑްގެ ގޯލާ އަމާޒުކޮށް އެޓީމުން ގިނަ ހަމަލާތަކެއް އުފެއްދި އިރު މެޗުގެ ނަތީޖާ 1-1 އަކަށް ހަދަން ސިޓީއަށް ފުރުސަތު ލިބުނީ މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅު ލިބުނު ޕެނަލްޓީ އަކާ އެކުއެވެ.
މިޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށް ދިނީ ސިޓީގެ އަލްޖީރިއާގެ ފޯވަޑް ރިޔާޒް މަހްރޭޒްއެެވެ.
ރޭ ސިޓީން ޖެހި ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޒުވާން މިޑްފީލްޑަރު ފިލް ފޯޑަންއެވެ. މެޗުގެ 75 ވަނަ މިނެޓްގައި އޭނާ ޖެހި މިލަނޑާ އެކު 2-1ގެ ސްކޯ އަކުން މެޗު ނިމުން އިރު މުޅި ޓައިގެ އެގްރިގެޓް ސްކޯ އަކީ 4-2 އެވެ.
މިސީޒަންގެ ޗެމްޕިއަންސް ލީގު މުބާރާތުގައި ބާކީ ހަތަރު ޓީމު އޮތް އިރު ސެމީގައި ސިޓީ ވާދަ ކުރަން ޖެހޭނީ ކުއާޓާ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ބަލިކުރި ފަރަންސޭސިވިލާތުގެ ޕީއެސްޖީއާއެވެ.