މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލި، މާލޭގެ 6 ދާއިރާއެއްގެ ވޯޓު އަލުން ގުނައި ދިނުމަށް އެމްޑީޕީން އެދިއްޖެއެވެ.

އެމްޑީޕީން، މި 6 ވޯޓު ފޮށީގެ ވޯޓު އަލުން ގުނައި ދިނުމަށް އެދި އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައި ވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ. ހަސަން ލަތީފް މިހެން ވިދާޅުވީ އޭނާ މިއަދު ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އަލުން ގުނައި ދިނުމަށް އެދުނު ދާއިރާތައް:

  • މެދު ހެންވޭރު ދާއިރާ (ޓީ 3)
  • ހެންވޭރު ދެކުނު ދާއިރާ (ޓީ 4)
  • ހެންވޭރު ހުޅަނގު ދާއިރާ (ޓީ 5)
  • މައްޗަންގޯޅި އުތުރު ދާއިރާ (ޓީ 10)
  • މާފަންނު އުތުރު ދާއިރާ (ޓީ 14)
  • މާފަންނު ހުޅަނގު ދާއިރާ (ޓީ 16)

ހަސަން ލަތީފް ވިދާޅުވީ، ބައެއް ދާއިރާތަކުގައި ދެ ކެންޑިޑޭޓުން ދޭތެރޭ ހުރި ފަރަގަށްވުރެ، ބާތިލް ވޯޓު ގިނަ ކަން ފާހަގަ ވެފައި ވާ ކަމަށެވެ. ހަމައެއާއެކު، ބައެއް ވޯޓު ފޮށިތަކުގެ ޓެލީ ޝީޓް ދިމާ ނުވާކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. އިތުރު ތަފްސީލު ދެއްވަމުން އޭނާ ވިދާޅުވީ، ޓެލީ ޝީޓް ދިމާ ނުވަނީ ހެންވޭރު ހުޅަނގު ދާއިރާގެ ފޮށްޓެއް ކަމަށް ވާ ޓީ5.6 ވަނަ ފޮށީގެ ކަމަށެވެ.

މީގެ އިތުރުން ވެސް ހަސަން ލަތީފް ވަނީ ވޯޓު އޮޅުވާލާފައި ވާ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ. އޭނާ ވަނީ އެއް ރައްޔިތަކު ވޯޓުލާން ދިޔައިރު، އޭނާގެ ނަމުގައި ވޯޓުލާފައި ވާ ކަމުގެ ޝަކުވާއެއް ވެސް ފެންމަތިވެފައި ވާ ކަން ފާހަގަ ކުރަވާފައެވެ