އިނގިރޭސި ޓީމު ޗެލްސީއާއި ޕޯޗުގަލްގެ ޕޯޓޯއާ ދެމެދު ރޭ ކުޅުނު ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ޓައިގެ ދެވަނަ ލެގް 0-1 އަކުން ޕޯޓޯ ކާމިޔާބު ކުރި ނަމަވެސް މުބާރާތުގެ ސެމީއަށް ޗެލްސީ ދަތުރުކޮށްފިއެވެ.
ޗެލްސީ ސެމީއަށް ދަތުރުކުރީ މިދިޔަ ހަފްތާގައި ޕޯޓޯގެ ދަނޑުގައި ކަމަށް ބަލާ ސްޕެއިންގެ ސެވިޔާގައި ދެޓީމުގެ ދެމެދު ކުޅުނު މެޗު 0-2 އަކުން ކާމިޔާބުކުރުމުންނެވެ. މިދެޓީމުގެ މެޗުތައް ސްޕެއިންގައި ކުޅެނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އިނގިރޭސިވިލާތާއި ޕޯޗުގަލްއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިިޔަވަޅުތަކުގެ ސަބަބުންނެވެ.
ރޭ ޗެލްސީގެ ދަނޑުގައި ކަމަށް ބަލާ ސެވިޔާގައި ކުޅުނު ކުއާޓާ ފައިނަލް ޓައިގެ ދެވަނަ މެޗުގައި ޖެހި ހަމައެކަނި ލަނޑު ޕޯޓޯއިން ކާމިޔާބުކުރީ މެޗުގެ 93 ވަނަ މިނެޓްގައެވެ. ޕޯޓޯގެ އީރާން ފޯވަޑް މެހްދީ ތަރާމީ ޖަހާ ދިން މިލަނޑަކީ މިސީޒަންގެ މުބާރާތުން ފެނިގެން ދިޔަ އެންމެ ހިތްގައިމު ލަނޑުތަކުގެ ތެރެއިން ލަނޑެކެވެ.
މިމެޗުގައި ޕޯޓޯއަށް އިތުރު ލަނޑެއް ނުޖެހުނު އިރު ދެޓީމުގެ ދެމެދު ކުޅުނު ކުއާޓާ ފައިނަލް ޓައި ޗެލްސީ ކާމިޔާބުކޮށް ސެމީއަށް ދިޔައީ 2-1 ގެ އެގްރިގެޓް ސްކޯއަކުންނެވެ.
ޗެލްސީ ސެމީގައި ވާދަކުރާނީ މިރޭ ސްޕެއިންގެ ރިއާލް މެޑްރިޑާއި އިނގިރޭސިވިލާތުގެ ލިވަޕޫލާ ވާދަކޮށް މޮޅުވާ ޓީމަކާއެވެ. މިޓައިގެ ފުރަތަމަ މެޗުގައި ރިއާލްއިން ވަނީ 3-1 ގެ ލީޑެއް ނަގާފައެވެ.