މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ތަށި ހޯދި ޖަރުމަނުވިލާތުގެ ބަޔާން މިއުނިކް މިސީޒަންގެ މުބާރާތުން ކަޓުވާލާ ފަރަންސޭސި ޓީމު ޕީއެސްޖީ ސެމީ ފައިނަލްއަށް ދަތުރުކޮށްފިއެވެ.
މިދިޔަ އަހަރު ފައިނަލްގައި ބަޔާން އަތުން ބަލިވި ޕީއެސްޖީ އެޓީމު މުބާރާތުން ކަޓުވާލީ ދެޓީމުގެ މެދުގައި ދެ ލަގަށް ކުޅުނު ކުއާޓާ ފައިނަލް ޓައި 3-3 ގެ އެގްރިގެޓް ސްކޯއަކުން، އަމިއްލަ ދަނޑު ނޫން ދަނޑުގައި ޖެހި ލަނޑުގެ ފަރަގުންނެވެ.
މިގޮތުން އެޓީމުން މިދިޔަ ހަފްތާގައި ބަޔާންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގް ކާމިޔާބު ކުރީ 2-3 އަކުންނެވެ. ރޭ މިޓައިގެ ދެވަނަ މެޗު ޕީއެސްޖީގެ ދަނޑުގައި ކުޅުނު އިރު މިމެޗު ކާމިޔާބުކުރީ ޖަރުމަނުގެ ޓީމުން 0-1 ގެ ސްކޯއަކުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކުރިން ޕީއެސްޖީއަށް ކުޅުނު ފޯވަޑް އެރިކް މެކްސިމް ޗުޕޯމޮޓިންގްއެވެ.
ރޭގެ މެޗުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނު އިރު މެޗުގެ ބާކީ އޮތް ވަގުތުގައި ބަޔާންއަށް އިތުރު ލަނޑެއް ނުޖެހުމުގެ ނަތީޖާއަކަށް ވީ އަވޭ ގޯލް ޤަވައިދާ އެކު ޕީއެސްޖީ މިއަހަރުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗަށް ދަތުރުކުރުމެވެ.
ސެމީ ފައިނަލްގައި އެޓީމުން ވާދަކުރާނީ އިނގިރޭސި ޓީމު ސިޓީއާއި ޖަރުމަނު ޓީމު ބޮރޫޝިޔާ ޑޯޓްމަންޑާ ދެމެދު މިރޭ ކުޅޭ ކުއާޓާ ފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ. އެޓައިގެ ފުރަތަމަ ލެގް ސިޓީ ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި މިރޭގެ މެޗު ކުޅެން ހަމަޖެހިފައިވަނީ ޑޯޓްމަންޑްގެ ދަނޑުގައެވެ.