މަސް ނިމޭއިރު ފޯނުގައި ބާކީ ހުންނަ ޑޭޓާ ޖެހިގެން އަންނަ މަހުގައި ވެސް ބޭނުން ކުރެވޭ ގޮތް އުރީދޫން ހަދައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަަލުވުމެއްގައި އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، އެ ބަދަލު ގެނެސްފައި ވާނީ މި މަހުން ފެށިގެން ކަމަށާއި އެ ބަދަލު ގެނެސްފައިވާ މައިގަނޑު ސަބަބަކީ ބައެއް ޕެކޭޖުތަކަށް އެ ހިދުމަތް ނުދެނީ މަސް ނިމޭއިރު އެ ޕެކޭޖުތަކުގައި އިތުރު ޑޭޓާ ނުހުންނާތީ ކަމަށެވެ.

އުރީދޫ ޕޯސްޓްޕެއިޑްގެ 600 ރުފިޔާ އިން މަތީގެ ޕެކޭޖުތަކުގައި ބާކީ ހުންނަ ޑޭޓާ މިހާރު އަނެއް މަހުގައި ވެސް ބޭނުން ކުރެވޭނެ ކަމަށާއި މި ބަދަލު ގެނައީ ގިނަ ދިރާސާތަކެއް ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން ބެލި ބެލުމުން 600 އަށް ވުރެ ކުޑަ ޕެކޭޖުތަކުގައި ނުހުރޭ ބާކީ ޑޭޓާއެއް. އެހެންވެ އަޅުގަނޑުމެން ބޮޑަށް ފޯކަސް ކުރީ ބޮޑެތި ޕްލޭންތަކަށް މި ހިދުމަތް ދޭން. މިއާއެކު 600 އިން މަތީގެ ޕެކޭޖުތައް ނަގާފައި ތިބި ކަސްޓަމަރުންގެ ބާކީ ހުންނަ ޑޭޓާ މެއި މަހު ވެސް ބޭނުން ކުރެވޭނެ،
ނިޔާޒު

އުރީދޫގެ ޕޯސްޓްޕެއިޑް "ވަރަށް ތަފާތު" އަދި "އެކު"ގެ ޕެކޭޖުތަކުގެ ތެރެއިން 600 ރުފިޔާއިން މަތީގެ ޕެކޭޖުތަކަށް އެ ހިދުމަތް ދެއެވެ. މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހު ވެސް ބޭނުން ކުރެވޭގޮތް ހެދުމަކީ ވަރަށް ގިނަ ބަޔަކު އެދެމުން އައި ކަމެކެވެ.

މީގެއިތުރުން އުރީދޫގެ އާޗާ ކެމްޕެެއިންގެ ދަށުން މިހާތަނަށް 4 ޕްރޮޓަކްޓެއް އާންމުންނަށް ތައާރަފް ކޮށްދީފައި ވާނެކަމަށް ފާހަގަކޮށް ނިޔާޒު ވިދާޅުވީ، މުޅިން އަލަށް އާޗާ ޕޯސްޕެެއިޑްގެ ހިދުމަތްވެސް މިހާރު ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

އާޗާ ޕޯސްޓްޕެއިޑްގެ ދަށުން ތިން ޕެކޭޖެއް ތައާރަފްކޮށްފައި ވެއެވެ. އެގޮތުން 600 ރުފިޔާ، 800 ރުފިޔާ އަދި 1000 ރުފިޔާގެ ޕެކޭޖް ހިމެނެއެވެ.

1000ގެ ޕްލޭންގައި ކޮންމެ ދުވަހަކު 6 ޖީބީ ލިބޭނެ. 3 ޖީބީ އަކޯ ނޯމަލް ޑޭޓާ. 3 ޖީބީއަކީ ސޯޝަލް ޑޭޓާ. އެހެންމަ ކޮންމެ ދުވަހަކު އެބަ ލިބޭ 6 ޖީބީ. އެހެންވީމަ މުޅި މަހަށް ބަލައިގެން ދާއިރުގަ މުޅި މަހަށް މި ލިބެނީ 1000 ރުފިޔާއަށް 180 ޖީބީ. ކޮންމެ ރެޔަކު 12 ޖަހާއިރު ހަމަ ޑޭޓާ ރިނިއު ވާނެ. އެހެންވީމަ މަސް ނިމޭއިރު ޑޭޓާ ހުސްވެފައެއް ނުހުންނާނެ
ނިޔާޒު

އުރީދޫން ބުނީ 800 ރުފިޔާގެ ޕެކޭޖްގައި ކޮންމެ ދުވަހަކަށް 4 ޖީބީ ލިބޭއިރު، 600 ގެ ޕެކޭޖްގައި ދުވާލަކަށް 2 ޖީބީ ލިބޭނެކަމަށެވެ.

އެކަމާ ގުޅިގެން އުރީދޫގެ ބްރޭންޑް މެނޭޖާ ނޫރާ އިބްރާހީމް ޒާހިރު ވިދާޅުވީ، އުރީދޫއިން އަލަށް ތައާރަފްކުރި ޕެކޭޖުތަކުން ޑޭޓާ ބޭނުންކުރުމުގައި، ތަފާތު ތަޖްރިބާތަކެއް ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

ރަމަޟާން މަހަށް ހާއްސަކޮށްގެން އުރީދޫއިން ކަސްޓަމަރުންނަށް ދޭ ހިދުމަތްތައްވެސް ނޫރާ ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކޮށްފައެވެ.

އެގޮތުން ރަމަޟާން މަހުގެ ތެރޭގައި އުރީދޫގެ ސުޕަނެޓް ރައުޓަރު ގަންނަ ކޮންމެ ކަސްޓަމަރަކަށް 40 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ހަމަޖެހިފައި ވާ ކަމަށަ އޭނާ ވިދާޅުވިއެވެ.