އީރާނުގެ ނަންތާޒް ނިއުކްލިއާ ފެސިލިޓީއަށް އާދީއްތަ ދުވަހު ހަމަލާ ދީފައި ވަނީ، އީރާނުގެ ޒަމާންވީ އަދުއްވުގެ ގޮތުގައި އޮތް އިސްރާއީލު ކަމަށް ތުހުމަތުކުރައްވާ، ޒަޔަނިސްޓުންގެ ކިބައިން ބަދަލު ހިފާނެ ކަމުގެ ވަރުގަދަ އިންޒާރު، އީރާނުގެ ހާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފު ދެއްވައިފިއެވެ.

އީރާނުން ބުނާ ގޮތުގައި، ނަންތާޒް ފެސިލިޓީއަށް އަމާޒުކޮށްގެން ހިންގާފައި ވަނީ "ނިއުކްލިއާ ޓެރަރިޒަމް" ގެ ޖަރީމާއެކެވެ.

ޒަރީފު ވިދާޅުވީ، އީރާނާ ދެކޮޅަށް ތަންފީޒު ކުރާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެ ގައުމުން ކުރާ މަސައްކަތުގައި އީރާނަށް ލިބޭ ކުރިއެރުމުގެ ބަދަލު ހިފުމަށް ޒަޔަނިސްޓުން ބޭނުންވާ ކަމަށާ، ސާފުކޮށް އެކަން ބަޔާންކޮށްދީފި ކަމަށެވެ. އަދި މި ކަމުގެ ބަދަލު، އީރާނުން ހިފާނެ ކަމަށް ޒަރީފު ވިދާޅުވިއެވެ.

ނަންތާޒް ފެސިލިޓީއަށް އަމާޒުކޮށްފައި ވަނީ "ނިއުކްލިއާ ޓެރަރިޒަމް"ގެ ހަމަލާއެއް ކަމަށް، އީރާނުގެ އެޓޮމިކް ހަކަތައާ ބެހޭ އިދާރާއިންވެސް ވަނީ ބުނެފައެވެ. ނަމަވެސް، އޭގެ ކުރިން، އެ އިދާރާއިން ބުނީ، އެ ފެސިލީޓީން ހަކަތައިގެ ހިދުމަތް މެދުކެނޑުނީ ހިނގި އެކްސިޑެންޓަކުން ކަމަށެވެ.

އެ އިދާރާގެ އިސްވެރިޔާ އަލީ އަކުބަރު ސޯލިހީ ވަނީ، މިކަމާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައު ތެދުވުމަށް ގޮވާލައްވާފައެވެ. އަދި ޖަރީމާއަކީ، އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައާ ގުޅިގެން ވިއެނާގައި ހައްލު ހޯދަމުން ދާ ދިއުމަށް ހުރަސް އަޅާ، އެޓޮމިކް ހަކަތައިގެ ރޮނގުން އީރާނު ހޯދާ ކުރިއެރުންތަކަށް ހުރަސް އެޅުމަށް ދިން ހަމަލާއެއް ކަމަށްވެސް އޭނާ ވަނީ ސިފަކުރައްވާފައެވެ.

ނަންތާޒް ނިއުކްލިއާ ފެސިލިޓީއަށް ބަޔަކު ގެއްލުންތަކެއް ދީފައި މި ވަނީ، އެ މަރުކަޒުގައި އީރާނުން މަތީ ފަންތިއަކަށް ޔުރޭނިއަމް ފައްކާ ކުރާ ކަމުގެ ވާހަކަ އިއުލާން ކޮށްފައި ވަނިކޮށެވެ.