އިއްޔެ ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބު ހޯއްދެވި އެންމެ ހާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބިވަަޑައިގަންވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އިންތިހާބުގައި ކާމިޔާބީ ހާސިލް ކުރި ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވަމުންނެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް، ރަށު ކައުންސިލް، އަދި ޑަބްލިއުޑީސީ ގެ ގޮނޑިތަކަށް ވާދަ ކުރައްވާ ކާމިޔާބީ ހޯއްދެވި ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މި އިންތިހާބުން ހޮވިވަޑައިގެންނެވި އެންމެހައި ފަރާތްތަކާ އެކު ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި އެފަރާތްތަކުގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި އިންތިހާބުގައި ރައްޔިތުން ލީ ވޯޓާއި، ރައްޔިތުންގެ އިހްސާސްތައް ފުރިހަމައަށް ސަރުކާރުން ބަލައިގަންނާނެ ކަމަށާއި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގުން ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަގީން ކަން އަރުއްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަދި ރައީސް ނަޝީދުގެ ކޮއްކޮ އަނަސް އަބްދުއްސައްތާރު، ބޮޑު ތަފާތަކުން ބަލި ކޮށްގެންނެވެ. މީގެ އިތުރުން، އެމްޑީޕީއަށް ވަނީ މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް ކައުންސިލްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގެއްލިފައެވެ.

އައްޑޫ ސިޓީގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުނަސް، މޭޔަރު ފިޔަވައި ދެން ވާދަކުރި 12 ގޮނޑީގެ ދެބައިކުޅަ އެއް ބައި އެމްޑީޕީއަށް ވަނީ ގެއްލިފައެވެ. ފުވައްމުލަކާއި ކުޅުދުއްފުށި ސިޓީން އެމްޑީޕީއަށް ކާމިޔާބީ ލިބުނު ނަމަވެސް، ގދ. އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑި އާއި ހުޅުދުއްފާރު ކައުންސިލްގެ މެޖޯރިޓީ ވެސް ވަނީ އެމްޑީޕީއަށް ގެއްލިފައެވެ.