ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން މާލެ ރައްޔިތުންގެ ތާއީދު ހޯދުމަށް އެ ޕާޓީގެ ސިޔާސަތުތައް ބަދަލު ކުރަން ޖެހޭކަމަށް، އެމްޑީޕީ ޓިކެޓުގައި މާލެ ސިޓީ މޭޔަރު ކަމަށް ވާދަ ކުރެއްވި އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާއަށް ފަހު އަނަސް ވިދާޅުވީ، މާލޭ ރައްޔިތުން އެމީހުން ދެކޭގޮތް ހާމަކޮށްފި ކަމަށާއި މި އިންތިހާބުގެ ނަތީޖާ ގަބޫލު ކުރައްވާ ކަމަށެވެ. އަދި ނަތީޖާގެ ވޯޓަށް ބަލާ އެމްޑީޕީގެ ސިޔާސަތުތައް ބަދަލު ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އޭނާ ވަނީ މާލޭ ސިޓީގެ މޭޔަރު ކަމަށް ހޮވިވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒަށް، މަރުހަބާ ދަންނަވައިފައެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން، މިހާތަނަށް ޑރ. މުއިއްޒަށް ވަނީ 9305 ވޯޓް ވަނީ ލިބިފައެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރަށް ލިބިފައި ވަނީ 5573 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރާ އަލްހާން ފަހްމީ އަށް މިހާތަނަށް ލިބިފައި ވަނީ 259 ވޯޓެވެ.

މާލޭގެ މޭޔަރު ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް ކާމިޔާބު ކުރައްވާފައިވާ އިރު، މާލެ ސިޓީގެ 3 ގޮނޑިއެއް މިހާރުވެސް ޕީޕީއެމް އިން ވަނީ ކަށަވަރު ކޮށްފައެވެ.

ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ކަމުގެ އިތުރުން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވެސް ހައުސިން މިނިސްޓަރު ކަމުގެ މަގާމު އަދާ ކުރެއްވި މުއިއްޒަކީ ރާއްޖެއަށް އެތައް ތަރައްގީއެއް ގެނެސް ދިނުމުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ވަޒީރު ކަމުގައި ހުންނެވި އިރު ޑރ މުއިއްޒު ވަނީ އޭޝިއާ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމެންޓު ބެންކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ގަވަރުނަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ.