މަނީ ލޯންޑަރިން މައްސަލައިގައި 5 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލޯކަލް ކައުންސިލް އިންތިހާބު ވޯޓު ނުލެއްވެނީ ކަރެކްޝަނާ ހެދި ކަމަށް އިދިކޮޅު ޕީޕީއެމް އިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީނަށް ވޯޓު ލެއްވޭނެ އިންތިޒާމެއް ކަރެކްޝަނުން ހަމަޖައްސާދީފައި ނުވާ ކަމަށެވެ.

ޕީޕީއެމްގެ ފަރާތުން ހީނަ އެހެން ވިދާޅުވީ ރައީސް ޔާމީން ވޯޓު ލެއްވުމަށް ރީ-ރަޖިސްޓާ ނުކުރައްވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމަށް ހައިކޯޓުން ވަނީ ތާއީދު ކޮށްފައެވެ. އަދި ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ވެސް ވަނީ ކޮށްފައެވެ.

މިކަމާ ގުޅިގެން ކަރެކްޝަނުން އެއްޗެއް ބުނެފައެއް ނުވެއެވެ.

މި އިންތިހާބުގައި ލޯކަލް ކައުންސިލް ތަކަށް 2234 ކެންޑިޑޭޓުން ކުރިމަތި ލާފައި ވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 1580 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ.

އިންތިހާބުގެ ވޯޓުލުން ކުރިއާށް ދާއިރު، އިންތިހާބަކާ ނުލާ ބައެއް މެންބަރުން ވަނީ ހޮވިފައެވެ. އެއީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 31 ދާއިރާއަކަށް 90 މެންބަރަކާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ 22 މަގާމަކަށް 30 މެންބަރެކެވެ.