އަތޮޅުތެރޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް އަންނަ 2022 ވަނަ އަހަރު 1.5 ބިލިއަން ރުފިޔާ ބަޖެޓް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރޭ، އއ. ރަސްދޫގައި ބޭއްވި 'ރަށްވެހި ފަތިސް' ލާމަރުކަޒީ ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކޮންމެ ރައްޔިތަކަށްވެސް އެކަށީގެންވާ ބޯހިޔާވަހިކަމެއް ލިބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އެގޮތުން އަތޮޅުތަކުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތުތައް އިތުރުކުރުމަށް ލުއިލޯނު ސްކީމެއް ތައާރަފު ކޮށްދެއްވާނެކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ ފައިސާގެ ދަތިކަމާހުރެ މަސައްކަތްކުރިޔަށް ނުގެންދެވި ނުވަތަ ހަލުވި މިނެއްގައި މަސައްކަތް ކުރިޔަށްނުގެންދެވި ތިބި އަތޮޅުތަކުގެ ރައްޔިތުންނަށް ލުއި މަގެއް ހޯދައިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އަތޮޅުތަކެކޭ އެއްފަދައިން މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާ ލައްވާފައެވެ.
އެގޮތުން މިހާރުވެސް މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ލުއި ހޯދައިދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން މިއަހަރު ވެސް 5000 ހައުސިން ޔުނިޓެއް އެޅުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އަމާޒަކީ އެއަދަދު 13000އަށް އިތުރުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމަ އެހެންމެ ސަރުކާރުން އެންމެ އިސްކަމެއްދޭ ސިޔާސަތު ކަމަށްވާ ރާއްޖެ ލާމަރުކަޒުކޮށް ހިންގުމުގެ ސިޔާސަތު ފުރިހަމައަށް ތަންފިޒުކުރުމަށް ވެސް މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލެއް ގެންނަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.
އެއްކަމެއްވެސް ނުކޮށްދޭނެ. ކޮށްދިނުމުގެ ވިސްނުމެއްވެސް ނެތް. ތިޔަ ދޮޅުބިލިއަން ރުފިޔާވެސް 2019 ގެ ބަޖެޓަށް ވީގޮތަށް ހުދުކާފޫރަށް ގޮސް ހުލިވާނީ.